ރަޝިއާގެ މެންޒެލިންސްކް ސިޓީއަށް މަތިންދާބޯޓެއް ވެއްޓި، 16 މީހުން މަރުވެ، ހަ މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
ދެ ކުރޫ އާއި 20 ސްކައިޑައިވަރުން ގޮވައިގެން ދަތުރު ކުރި އެލް-410 މަތިންދާބޯޓު ވެއްޓުނީ އިއްޔެ ހެނދުނުގެ 9:30 ގައެވެ.
ރަޝިއާގެ ހެލްތު މިނިސްޓްރީން ބުނީ އެ ހާދިސާގައި 16 މީހަކު މަރުވުމުގެ އިތުރުން ބާކީ ހަ މީހުންނަށް އަނިޔާވެ، އެމީހުންގެ ހާލު ސީރިއަސްވެފައިވާ ކަމަށެވެ.
އެ މަތިންދާބޯޓު ވެއްޓެން ދިމާވި ސީދާ ސަބަބެއް އަދި އެނގިފައި ނުވާކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ރަޝިއާގެ އެމަޖެންސީ މިނިސްޓްރީން ބުންޏެވެ.
މިދިޔަ މަހުވެސް ރަޝިއާއަށް މަތިންދާބޯތެއް ވެއްޓި، ހަ މީހަކު މަރުވެފައިވެއެވެ.
މީގެ އިތުރުން މިދިޔަ ޖުލައި މަހު، ރަޝިއާގެ ކަމްޗަކްޓާ ސިޓީއަށް މަތިންދާބޯޓެއް ވެއްޓި 28 މީހަކަށް އަނިޔާވެފައިވެއެވެ.
ރަޝިއާ އޭވިއޭޝަން އޭޖެންސީން ވަނީ އެފަދަ ހާދިސާތައް ހިނގުން މަދުކުރުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާ ކަމަށް ބުނެފައެވެ.
އެގޮތުން މަތިންދާބޯޓުތަކުގެ ޓެކްނިކަލް މައްސަލަތައް ދެނެގަނެ އެމަޖެންސީ ލޭންޑިންގެ ހިދުމަތް ދިނުން ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޭޖެންސީން ބުންޏެވެ.