އަހްސަން ބަޝީރުގެ ވާރިސުން ބޭނުންވަނީ މަރަށް މަރު

ޝަހުމް އަދި ޝިމާޒު ---- ފޮޓޯ: ޕޮލިސް

ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރުގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ޝަރީއަތުގެ މަޖިލީހުގައި ބުނެފިއެވެ.

މަޖީދީ މަގާއި އަލިކިލެގެފާނު މަގު ގުޅޭ ހިސާބުގައި ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރު މަރާލައިފައިވަނީ 2011ވަނަ އަހަރުގެ މާޗް މަހުގެ 17ވަނަ ދުވަހުގެ މެންދަމު 3:20ގައެވެ.

އެ މައްސަލައިގައި ދައުވާކުރި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް އާއި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް ދައުލަތުން ކުރީ ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ. އެހެން ނަމަވެސް އެ ކުށް އެ ދެ މީހުންގެ މައްޗަށް ސާބިތު ނުވާ ކަމަށް އޭރު ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

އެ ހުކުމާއެކު ޝިމާޒް މިނިވަންވި ނަމަވެސް މަރުގެ އެހެން މައްސަލައެއް ސާބިތުވެ ޝަހުމް ހުރީ ޖަލުގައެވެ.

އެ ހުކުމް ކުރިތާ ހަތް އަހަރު ފަހުން، މިދިޔަ ހަފްތާގައި ހައިކޯޓުން ވަނީ ޝަހުމާއި ޝިމާޒްގެ މައްޗަށް އަހުސަންގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ކަނޑައަަޅައިފައެވެ. ނަމަވެސް އަދަބު ކަނޑައެޅުމަށް އަހުސަންގެ ވާރިސުންގެ ބަސް ހޯދަން ޖެހޭތީ އެ މީހުންގެ މައްޗަށް އަދަބު ކަނޑައަޅާފައެއް ނުވެއެވެ. އަދަބު ކަނޑައެޅެންދެން ޝިމާޒް 10 ދުވަހަށް ބަންދުގައި ބަހައްޓަން ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެގޮތުން، ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ބުނެފައިވަނީ، އަހްސަން ބަޝީރުގެ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށެވެ.

އެ މައްސަލައިގައި ޝަހުމުގެ މައްޗަށް ސާބިތުވެފައިވަނީ ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާއެވެ. ހަސަން ޝިމާޒްގެ މައްޗަށް ސާބިތުވެފައިވަނީ މީހަކު މެރުމުގައި އެހީތެރިވިކަމުގެ ދައުވާއެވެ.

އެހެން ކަމުން ޝަހުމަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ ބާރު ފަނޑިޔާރަށް އޮންނާނެއެވެ. ހަސަން ޝިމާޒްގެ އަދަބާއި މެދު ވާހަކަ ދައްކަމުން ދައުލަތުން އެދިފައިވަނީ 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

އަދަބާ މެދު ވާހަކަ ދެއްކުމުގެ އަޑުއެހުން މިއަދު ނިންމާލާފައިވާއިރު، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އަދަބު ކަނޑައެޅުމެވެ.

ޝަހުމާއި ޝިމާޒަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހުއެވެ.

ހުކުމްގައި ވަނީ އެ ދައުވާ ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ.

އެ ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ އޭގެ އަހަރަކަށް ވުރެ ވެސް ގިނަ ދުވަސްވީ ފަހުން، 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ.

އެ މައްސަލަ ސާބިތު ނުވިނަމަވެސް 2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މާޒިޔާ ދަނޑުގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ޝަހުމް މައްޗަށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އޭނާ ދަނީ ތަންފީޒު ކުރަމުންނެވެ.

ޝިމާޒުގެ މައްޗަށް އިތުރު މައްސަލައެއް ހުށަހެޅިފައިނުވާތީ އޭނާ ވަނީ އޭރު މިނިވަންވެފައެވެ.

comment ކޮމެންޓް