މިއަދު ހަވީރު ރާއްޖެ ކުޅޭ މެޗު ކާނިވާ ބޮޑު ސްކްރީނުގައި އަޅުވަނީ

އަލިމަސް ކާނިވާ -- ސަން ފޮޓޯ/ މުޒައްޔިން

ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ރާއްޖެ އާއި ސްރީލަންކާ ބައްދަލު ކުރާ މެޗު އަލިމަސް ކާނިވަލުގައި، ބޮޑު ސްރީނުން ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އުރީދޫއާ ގުޅިގެން ސިޓީ ކައުންސިލުން ކާނިވަލުގައި މެޗު ބެލޭނެ އިންތިޒާމް ހަމަޖައްސާފައި ވަނީ ރާއްޖެ އާއި ލަންކާ ކުޅޭ މެޗުގެ ޓިކެޓު ހޯދުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިއަދުގެ މެޗަށް ޓިކެޓު ވިއްކަން ފަށާފައި ވަނީ، އިއްޔެ ހެނދުނު 10:00 ޖެހި އިރުއެވެ. އެހެން ނަމަވެސް ޓިކެޓް ހޯދުމަށް ހެނދުނު 7:00 ޖެހި އިރުން ފެށިގެން ގިނަ ބަޔަކު ގަލޮޅު ދަނޑު ސަރަހައްދުގައި ކިޔޫ ހެދިއެވެ.

ނަމަވެސް ޓިކެޓް ދޫކުރަން ފެށިތާ ގަޑިއެއްހާއިރު ތެރޭ، ޓިކެޓް ހުސްވުމުން އާއްމުން ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގަނެ، ހަމަނުޖެހުން ހިންގައިފައިވެއެވެ.

އެކަމާ ގުޅިގެން ރޭ އިތުރު 1000 ޓިކެޓް ވިއްކިއެވެ. އެއީ ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބްތަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން 1000 ޓިކެޓެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯ ބޮޑު ސްކްރީނުން ވެސް އަޅުވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ މެޗުތައް އަޅުވަން ނިންމީ، ގައުމީ ރޫހު އިތުރަށް އާލާކޮށް ވީހާވެސް ގިނަ ބަޔަކަށް ރާއްޖޭ ކުޅޭ މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކަމަށެވެ.

comment ކޮމެންޓް