ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި

ސާކްގެ ސެކްރެޓަރީ ޖެނެރަލް އީސާލާ ރޫވަން ވީރަކޫން ދިވެހިރާއްޖެއަށް ވަޑައިގަތުން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޯރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް އީސާލާ ރޫވަން ވީރަކޫން ރާއްޖެ ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މިރޭ "ސަން"އަށް ވިދާޅުވީ ސެކްރެޓްރީ ޖެނެރަލްގެ މި ދަތުރުފުޅަކީ އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ އީސާލާ ރޫވަން ހަވާލުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހުއެވެ.

"ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމާ ހަވާލުވެވަޑައިގެންނެވިފަހުން ކޮވިޑާ ހެދި އަދި ރާއްޖެއަށް ދަތުރުފުޅެއް ނުކުރައްވާ. އާއްމު ގޮތެއްގައި ސާކް ސެކްރެޓަރީ ކަމާ ބޭފުޅަކު ހަވާލުވެެއްޖެ ނަމަ ހުރިހާ ގައުމަކަށް ވެސް ޒިޔާރަތް ކުރައްވާނެ. މިއީ އެގޮތުން ކުރެއްވި ދަތުރުފުޅެއް،" މިއުވާން ވިދާޅުވިއެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގަތުން --

މިއުވާން ވިދާޅުވީ ސެކްރެޓަރީ ޖެނެރަލްގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި އަހްމަދު ސަލީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސެކްރެޓަރީ ޖެނެރަލްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާނީ މިމަހުގެ 13 ވަނަ ދުވަހު، ކަމަށެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޯރ ރީޖަނަލް ކޯޕޮރޭޝަން (ސާކް) އުފައްދާފައިވަނީ 1985ވަނަ އަހަރުގައެވެ.

comment ކޮމެންޓް