ޑަބްލިއު ކޮންސްޓްރަކްޝަންއިން ހަދަމުންދިޔަ މ. ނަލަހިޔާ މަންޒިލްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން މަރުވި މައްސަލައިގައި, ބަދަލެއްގެ ގޮތުން އާއިލާއަށް 4.5 މިލިއަން ރުފިޔާ ދޭން ޑަބްލިޔު ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ކުރުމަށް އެ ކުންފުނިން ހައިކޯޓަށް ހުށަހަޅައިފިއެވެ.
ސިވިލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، 4.5 މިލިއަން ރުފިޔާ ޑަބްލިއު ކޮންސްޓްރަކްޝަނުން ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.
އެ ހުކުމް ޑަބްލިއު ކޮންސްޓްރަކްޝަނުން އިސްތިއުނާފް ކުރުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް ޖިއާންގެ މަންމަ ޑރ. ފަރުޒާނާ ހުސައިން އާއި ބައްޕަ މުހައްމަދު ކަމާލުއްދީން ޖާވިދުގެ ފަރާތުން އެދުނީ 17.4 މިލިއަން ރުފިޔާއެވެ. ނަމަވެސް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ، ބަދަލެއްގެ ގޮތުގައި ނަގައިދެވޭނީ 4.5 މިލިއަން ރުފިޔާ ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ، ޖިއާން ނިޔާވީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް، އެ ކުންފުނީގެ ރަސްމީ މަސައްކަތުގެ ތެރެއިން ފަރުވާކުޑަ ކުރުމުގެ ސަބަބުންކަން ޖިނާއީ މިންގަނޑުން ޝރީއަތަށް ސާބިތުވާތީ، އެކަމުގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލައިބިލިޓީގެ ދަށުން ޑަބްލިއު ކޮންސްޓްރަކްޝަން އުފުލަންޖެހޭކަން ސާބިތުވާ ކަމަށެވެ.
ޖިއާންގެ މައިންބަފައިންގެ ފަރާތުން މި މައްސަލަައިގައި ވަކާލާތު ކުރި ޕަބްލިކް އިންޓަރަސްޓް ލޯ ސެންޓަރުން ބުނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ އަދަދުގެ ތެރެއިން ބޮޑު ބައެއް ދޭން ނުފެންނަ ކަމަށް ކޯޓުން ކަނޑައަޅާފައި ވަނީ ރަނގަޅަށް ނޫންކަމަށް އެ ޖަމިއްޔާއަށް ގަބޫލުކުރެވޭ ކަމަށެވެ.
ނަމަވެސް ހުކުމުގެ އެބައި ހައިކޯޓަށް އިސްތިއުނާފު ކުރާނީ ޖިއާންގެ މައިންބަފައިން ވަކި ގޮތެއް ނިންމުމުން ކަމަށް އެ ސެންޓަރުން އޭރު ވަނީ ބުނެފައެވެ.
ޖިއާން މަރުވި ހާދިސާ ހިނގީ ޑިސެމްބަރު 16، 2018ގަ އެވެ.