އދ. އިސްލާހު ކުރުމަށް ރައީސް ސޯލިހާއި ޝާހިދު މަޝްވަރާ ކުރައްވައިފި

އދ. ގެ އާންމު މަޖިލީހުގެ ރައީސްއާ މަޝްވަރާ ކުރެއްވުމަށްފަހު ރައީސް ސޯލިހު ވާހަކަ ދައްކަވަނީ --- ފޮޓޯ: އަހްމަދު އައިމަން

އދ. އިސްލާހު ކުރުމަށް، އެ ޖަމިއްޔާގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފިއެވެ.

ޔޫއެންގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުﷲ ޝާހިދު މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު، ރައީސް ސޯލިހާއި އެކު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

އެ ބައްދަލުވުން ނިންމަވާލުމަށްފަހު ރައީސް އޮފީހުގައި ދެއްވި ޕްރެސް ސްޓޭޓްމެންޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި އެއް ގޮތަށް އދ. ގެ އެކި އެކި މުއައްސަސާތަކުގެ މަސައްކަތްތައް އިސްލާހު ކުރުމަކީ ރާއްޖެއިން އަބަދު ވެސް މުހިންމު ކަމެއް ކަމުގައި ދެކޭ ކަމެއް ކަމަށެވެ. އަދި އެކަމަށް ވަކާލާތު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެން ކަމުން އަޅުގަނޑުމެން ކުރި މަޝްވަރާތަކުގައި އދ. އިސްލާހު ކުރުމުގެ މަސައްކަތްތައް އެ މަނިކުފާނުގެ ޒައާމަތުގައި އިތުރަށް ހަލުވި ކުރުމަށް އެދޭ ކަމުގައި ދެންނެވިން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު -- ފޮޓޯ: އަހްމަދު އައިމަން

"ހާއްސަ ގޮތެއްގައި އދ. ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލިސް އިސްލާހު ކުރުމުގެ މަސައްކަތައް ކުރިއެރުމެއް ލިބުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަ ކުރިން،" ރައީސް ވިދާޅުވިއެވެ.

އިތުރަށް ކުރި މަޝްވަރާތަކުގައި އިގްތިސޯދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނިތަކަށް ލުޔެއް ހޯދައި ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފަ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު އދ. ގެ އެކި ގުނަވަންތަކުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދިން އެހީތެރިކަމަށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"އދ. ގެ އާންމު މަޖިލީހަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއް ތަމްސީލް ކުރެވޭ މަޖިލިސް ކަމަށްވާއިރު މިފަދަ ކަންކަމުގައި އާންމު މަޖިލީހުގެ ރިޔާސަތުން އުންމީދީ މަސައްކަތްތަކެއް ކޮށްދެއްވުމަށް ޕީޖީއޭގެ އަރިހުގައި އަޅުގަނޑު ދެންނެވިން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ޒަމާނަށް ފެތޭނެހެން އދ. ގެ ބައެއް ކަންކަން އިސްލާހު ކުރަން، ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އަބްދުﷲ ޝާހިދު ވަނީ މިދިޔަ އަހަރު ގޮވާލައްވާފައެވެ. އެއީ އދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ބައްދަލުވުމުގެ އާއްމު ބަހުސްގައި ބައިވެރިވެވަޑައިގަތް ދެއްވި ވީޑިއޯ ހިތާބެއްގަ އެވެ.

comment ކޮމެންޓް