އިހުލާސްތެރި ޕާޓީ އުފެއްދުމުގެ ހުއްދަ ބާތިލުކޮށްފި

އިހުލާސްތެރި ޕާޓީ އުފައްދަން ފޯމު ހުށަހަޅަނީ-- ފޮޓޯ/އީސީ

"އިހުލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްއިލެކްޝަންސް ކޮމިޝަން (އީސީ)އިން ދީފައިވާ ހުއްދަ ބާތިލު ކޮށްފިއެވެ.

މި ޕާޓީ އުފެއްދުމަށް އެެދި ހުށަހަޅައިފައިވަނީ މ.ކެލަން، މުހައްމަދު އިސްމާއިލްއެވެ. މި ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު "ސަން"އަށް ވިދާޅުވީ އިހުލާސްތެރި ޕާޓީއަށް ދީފައިވާ ހުއްދަ ބާތިލު ކޮށްފައިވަނީ މުހައްމަދު އިސްމާއިލް އަމިއްލައަށް އެދުމުން ކަމަށެވެ.

"މިއަދު ލިޔުމުން މުހައްމަދު އިސްމާއިލް އެދިވަޑައިގަތީ އިހުލާސްތެރި ޕާޓީއަށް ދީފައިވާ ހުއްދަ ބާތިލްކުރަން. އެހެންވެ، އަޅުގަނޑުމެން އަވަހަށް އެކަން ހަމަޖައްސައިދިނީ. ޕާޓީ ބާތިލު ކުރުމަށް ވަކި ސަބަބެއް ދެއްވާފައެއް ނުވޭ،" ފުއާދު ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ އިހުލާސްތެރި ޕާޓީއާ ގުޅޭގޮތުން ވަރަށް ގިނަ ބައެއްގެ ޝަކުވާ އީސީއަށް ހުށަހަޅައިފައިވާ ކަމަށެވެ. އެގޮތުން ބައެއް އަމިއްލަ ފަރާތްތަކުންނާއި މުއައްސަސާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް ފުއާދު ވިދާޅުވިއެވެ.

ހަމައެހެންމެ އިހުލާސްތެރި ޕާޓި އުފެއްދުމުގެ މަގުސަދު ތެރޭގައި ހިމެނޭ ކަންތައްތަކަކީ އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ބަލައިގަންނަން އުނދަގޫ ކަންތައްތަކެއް ކަމަށް ވާތީ ވަރަށް ގިނަ ބައެއްގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

"ވަރަށް ގިނަ ބައެއްގެ ޝަކުވާ ހުށަހަޅަމުން ދަނިކޮށް މުހައްމަދު އިސްމާއިލް ހުއްދަ ބާތިލް ކުރަން އެދުމުން އީސީއަށް ފެނިވަޑައިގަތީ އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް،" ފުއާދު ވިދާޅުވިއެވެ.

އިހުލާސްތެރި ޕާޓީއަށް އީސީ އިން މީގެ ކުރިން ދީފައިވާ ހުއްދަ ބާތިލު ކޮށްފައިވަނީ ފަސް މެންބަރުންގެ އިއްތިފާގުން ކަމަށް ފުއާދު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ ކުރިން މުހައްމަދު އިސްމާއީލު ޕާޓީ ހުއްދަ ހެދުމުގެ ހުއްދައަށް އެދިފައިވަނީ "ކަރިޝްމާ ޕާޓީ"ގެ ނަމުގައެވެ. ނަމަވެސް އެއީ ހިންދީ ނަމަކަށް ވުމުން އެ ނަމުގައި ޕާޓީ އުފައްދަން އީސީއިން ހުއްދަ ދީފައެއް ނުވެއެވެ.

މި ފަހުން އީސީއިން ވަނީ ދެ ޕާޓީއެއް ހެދުމަށް ހުއްދަ ދީފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު, ކާނަލް (ރޓޑ.) މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި އަބްދުﷲ ކަމާލުއްދީން އިސްވެ ހުންނަވައި އުފައްދަވާ ނޭޝަނަލް ސޮލިޑައިރިޓީ ޕާޓީ (އެންއެސްޕީ)އެވެ.

ރާއްޖޭގެ މައި ޕާޓީތަކަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލާޔަންސް (އެމްޑީއޭ)އެވެ.

comment ކޮމެންޓް