ކަފާލާތުގެ ދަށުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން މިއަދު ވަނީ ގޮތެއް ނިންމާފައެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއިދުކޮށްފައިވާއިރު އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އޭގެތެރެއިން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް ވެސް އިސްތިއުނާފް ކުރި ފަރާތުން ވަނީ އެދިފައެވެ.
އެކަމަށް މިއަދު ގޮތެއް ނިންމާފައިވާއިރު، ރައުޔު ނެރެދެއްވީ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސާތުގައި އިންނަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. އެ ރައުޔަށް ޑރ. އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ތާއިދުކުރައްވާފައެވެ.
ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކުރެވެން ނެތް ސަބަބުތަކުގެ ތެރޭގައި އެކަމަށް ހާއްސަ ގާނޫނެއް ނެތުން ހިމެނެއެވެ. އަދި ގާނޫނުތަކުގައި ކަފާލާތުގެ ހައްގު ދީފައިވަނީ ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބޭ މީހުނަށް ކަމަށް ވެސް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.
ކުށްވެރިންނަށް ކަފާލާތުގެ ހައްގު ދީފި ނަމަ ހަމަހަމަކަމާއި އެކު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ސަބަބެއް ކަމަށް ފަނޑިޔާރު ފާހަގަކުރެއްވީ، އެކި މައްސަލަތަކުގައި އެކި ގޮތައް އަމަލުކޮށް ހަމަހަމަކަން ގެއްލިދާނެތީއެވެ.
ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫނުކުރި ނަމަވެސް އޭނާއަށް ކޮށްފައިވާ ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ އަމުރެއް ވަނީ ނެރެދީފައެވެ. އަދި ރައީސް ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމް ފަސް ކޮށްދިނުމަށް އެދުނު ނަމަވެސް އެކަން ކޮށްދެވެން ނެތް ކަމަށް ވަނީ ނިންމާފައެވެ.