ފަސް މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

ފަސް މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަޑިއަށް ގޮސްފައިވަނީ ކާށިދޫން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަމުންދިޔަ ދޯންޏެކެވެ. އަދި މި ދޯންޏަކީ 60 ފޫޓުގެ ސަޕްލައި ދޯންޏެއް ކަމަށާއި ދޯނި އަޑިއަށް ގޮސްފައިވަނީ ޅ.އަލިގާގެ ހުޅަނގުން 4 ނޮޓިކަލްމޭލު ބޭރުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ދޯނީގައި ތިބީ ފަސް ދިވެހިންނެވެ. އަދި އެ ފަސް ދިވެހީން ވެސް އެ ސަރަހައްދުގައި އެމީހުން ހޯދަން އުޅުނު ކޯސްޓުގާޑުގެ އުޅަނދަށް 8:30ހާއިރު ވަނީ ފެނިފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ ފަސް މީހުން ވެސް ކާށިދޫއަށް ގެންދިއުމުގެ މަަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. އަދި އެ އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

comment ކޮމެންޓް