ރާއްޖޭގެ ކަނޑުތައް ހުރަސްކޮށް ޑްރަގް ގެންދާ ބޯޓު ފަހަރު ފައްތާލަން ޖެހޭ: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު --

ރާއްޖޭގެ ކަނޑުތައް ހުރަސްކޮށް މަސްތުވާތަކެތި ގެންދާ ބޯޓު ފަހަރު ބަޑިޖަހާ ފައްތާލަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް، ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ގެންގުޅޭނެ ސިޔާސަތު ހާމަ ކުރުމަށްޓަކައި އާއްމު ރައްޔިތުން ބައިވެރި ކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖެއަކީ މަސްތުވާތަކެތި ހައްދާ އަދި އުފައްދާ ގައުމެއް ނޫން ކަމަށެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ނުރައްކާ ދުވަހެއް ދުވަހަކަށް، އަންނަނީ ބޮޑުވަމުން ކަމަށާއި މި މައްސަލަ ހައްލު ކުރެވެން އޮތީ ޑްރަގް ޑީލަރުންނަށް ހަރުކަށި އަދަބު ދީގެން ކަމަށެވެ.

"މަރުގެ އަދަބު ދޭން ޖެހިއްޖެ ނަމަ މަރުގެ އަދަބު ދީގެން ވެސް ނޫނީ ރާއްޖޭގެ ކަނޑުތައް ހުރަސްކޮށް މަސްތުވާތަކެތި ގެންދާ ބޯޓް ފަހަރު އޯޕަން ސީ ގަ ފައްތާލައިގެން ނަމަވެސް އެބަ ޖެހޭ އެކަން ހުއްޓުވަން،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއާއި ކައިރި ގައުމުތަކުގައި މަސްތުވާތަކެތި ހައްދާ ކަމަށެވެ. އެހެންކަމުން ރާއްޖެ އޮތީ ވަރަށް ނުރައްކާތެރި ސަރަހައްދެއްގައި ކަމަށް ވިދާޅުވިއެވެ

އުމަރު ވިދާޅުވީ އެއް ގައުމުން އަނެއް ގައުމަށް މަސްތުވާތަކެތި ގެންދާ ބޯޓު ފަހަރުން ބަލަނީ ރާއްޖެއަކީ އެމީހުންގެ ޓްރާންސިޓް ބަނދަރެއްގެ ގޮތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގައި ހެދިފައިފާ ހުރި ގާނޫނު ތަކުގެ ބަލިކަށި ކަމެވެ. އޭގެ ސަބަބުން އެންމެ ފަހުން ރާއްޖެއިން އަތުލައިގަތް އީރާނު ބޯޓު ވެސް ދޫކޮށްލީ އެކަށީގެންވާ ހެކި ނެތިގެން ކަމަށް ބުނެ ކަމުގައި އުމަރު ވިދާޅުވިއެވެ.

"އެންމެ ބޮޑު ހިތާމައަކީ ގާނޫނުތައް ވާވެފަ ހުރުން. ގާނޫނުތައް ވާ ވުމުގެ ސަބަބުން އެންމެފަހުން ރާއްޖެއިން އަތުލައިގަތް އީރާނުގެ ބޯޓު ވެސް، ކޯޓުން ދޫކޮށްލީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެފަ. އެހެންވީމަ ގާނޫނުތައް ވެސް މި ހުރީ މީހުންނަށް ވަރަށް ފަސޭހައިން ނުކުމުގެން ދެވޭ ގޮތަށް. ފުރޭންޏެއް ހެން ބައިވަރު ލޯވަޅުތައް އެޅިފަ ހުރި ގާނޫނުތައް މި ހުރީ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރާއްޖެއަކީ ޓްރާންސިޓް ބަނދަރެއްގެ ގޮތުގައި ބޭނުން ކޮށްގެން އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެތި ގައުމަށް އެތެރެ ކުރުމާއި އަދި ރާއްޖޭގެ ކަނޑުތައް ހުރަސްކޮށް އެހެން ގައުމު ތަކަށް ވެސް އެތަކެތި ގެންދާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިއަކީ ވަރަށް ފުޅާ ވިޔަފާރިއެއް ކަމަށެވެ.

އުމަރު ވިދާޅުވީ އަތުންފައިން އެއްވެސް މަސައްކަތްތަކެއް ނުކޮށް، ހަމައެކަނި މަސްތުވާތަކެތި ވިއްކައިގެން ހޯދާ ފައިސާއިން ދިރިއުޅުމުގެ ހުރިހާ ކަމެއް ހަމަޖައްސައިގެން އުޅޭ މީހުން ވަރަށް ގިނަވެއްޖެ ކަމަށެވެ.

"ރާއްޖެއިން ވެސް މި ވިޔަފާރީގެ ތެރެއަށް ވަރަށް ގިނަ ބަޔަކު ވަދެއްޖެ. އެމީހުން މާލެއިން ބިން ގަނެގެން ގެދޮރުއަޅާ އަދި ތިން ހަތަރު ކާރު ގެންގުޅޭ. އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮށް މި ގޮތަށް ދިރިއުޅޭ އެތައް ބަޔަކު އެބައުޅޭ،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަނީލޯންޑަރިން ގާނޫނު ވުޖޫދަށް އައިފަހުން ޑްރަގް ވިއްކައިގެން ދިރިއުޅޭ މީހުން ވެސް، އެ މީހުން ކުރާ ވިޔަފާރީގެ ވައްޓަފާޅި ބަދަލު ކޮށްފި ކަމަށެވެ. އެގޮތުން ކުދިކުދި ފިހާރަ ތަކާއި ރެސްޓޯރެންޓް ފަދަ ތަންތަން ހަދައިގެން ހިންގަމުން އަންނަ ކަމަށް އުމަރު ވިދާޅުވިއެވެ.

"މިހާރު މަނީލޯންޑަރިން ގާނޫނު ވުޖޫދަށް އައުމާ ގުޅިގެން ޑްރަގް ޑީލަރުން ނުކުމެ ކުދިކުދި ވޯކް ޝޮޕާއި ކުދިކުދި ފިހާތަކާ ރެސްޓޯރެންޓްތައް ހިންގަނީ. އެ މީހުންގެ މަނީ ވޮޝް ކޮށްލަން ކުރާ ކަމެއް އެއީ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޑްރަގް ޑީލަރުންގެ ވިޔަފާރި ތަކުގައި ގިނައިން ބޭނުން ކުރަނީ ކުޑަކުދިން ކަމަށެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެތި އެއްތަނުން އަނެއް ތަނަށް އުފުލުމުގައި ވެސް ކުޑަކުދިން ބޭނުންކުރުމަކީ މި ފަހަކަށް އައިސް ވަރަށް ބޮޑަށް އާއްމުވެފައިވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައިގައި އިނގިލި ދިއްކުރަން ޖެހެނީ ބޯ މީހުންނާއި ދިމާލަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ފާރަލާ ބަލަން ޖެހެނީ އެ ތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނަށް ކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކަމުގަ އިނގިލި ދިއްކުރަންވީ މަސްތުވާތަކެތި ބޭނުންކުރާ މީހާއަށް ނުވަތަ ކުއްޖާއަކަށް ނޫން. މަސްތުވާތަކެތި އެތެރެކުރާ މީހާއާ ދިމާލަށް. އެއީ މީހަކީ. އެމީހާ އެބަޖެހޭ ހުއްޓުވަން،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ނުރައްކާ ފެތުރިފައި އޮތް މިންވަރަށް ބަލައިފިނަމަ، ވަރަށް ވަރުގަދަ ފިޔަވަޅު ތަކެއް އަޅައިގެން މެނުވީ މީގެ ތެރެއިން ނުކުމެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ މިހާލަތަށް ވެއްޓެން ޖެހުނީ، ގައުމެއް ނެގެހެއްޓުމަށް ބޭނުންވާ ހިތްވަރާއި ސާބިތުކަން ނެތުމުން ކަމަށެވެ. ވަރަށް ހިތްވަރު ގަދަ މީހަކަށް ނޫނީ އެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ހައްލު ކުރެވޭނެ މައްސަލައެއް ކަމަށާއި އެ ކަން ހައްލު ކުރާނެ މީހަކީ އޭނާ ކަމަށެވެ.

comment ކޮމެންޓް