ޑްރާމާ "ބީވުން"ގެ ޝޫޓިން ފަށައިފި

ބީވުން ޑްރާމާގެ ޕޯސްޓަރެއް---

މޭޓް ސްޓޫޑިއޯ އިން ގެނެސްދޭ ދިވެހި ޑްރާމާ ސިލްސިލާ "ބީވުން"ގެ ޝޫޓިން ފަށައިފިއެވެ.

ބީވުން ޑައިރެކްޓްކޮށް ކެމެރާ ކުރަނީ ކުޅަދާނަ ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. މުހައްމަދު ފުއާދު (ފޯޑް) ޕްރޮޑިއުސްކޮށް ގެނެސްދޭ މި ޑްރާމާ އަކީ 13 އެޕިސޯޑުގެ މައްޗަށް އުފައްދާ ޑްރާމާއެކެވެ.

ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ޑްރާމާ ސީރީޒުގައި ގިނަ އަދަދެއްގެ ތަރިންނެއް ހަރަކާތްތެރިވާނެއެވެ. ބީވުންގެ ބަތަލާގެ ލީޑު ރޯލު ކުޅެނީ ކުރިއަރަމުން އަންނަ ބަތަލާ މަރިޔަމް ޝިފާއެވެ. އަދި ފިރިހެން ލީޑު ރޯލުން ކުޅެނީ ޝާރިފްއެވެ. މި ދެތަރިންގެ އިތުރުން މި ޑްރާމާގައި ހަރަކާތްތެރިވާ ތަރިންނަކީ ޝަމީލް، ފާތިމަތު ލަތީފާ، ޔޫޝައު، ސާނާ އަދި މަރިޔަމް ހަލީމެވެ.

ޑައިރެކްޓަރު ގޮޅާ ބުނީ މި ޑްރާމާ ބެލުންތެރިންނާ ހަމައަށް ފެނިގެންދާނީ އަންނަ ނޮވެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ކަމަށެވެ. ބީވުންގެ ސްކްރީންޕްލޭ ތައްޔާރުކުރީ އާމިނަތު ރިޒްނާއެވެ. ގޮޅާ ބުނީ މި ޑްރާމާގެ ހުރިހާ މަންޒަރެއް ނަގަން ހަމަޖެހިފައިވަނީ މާލެ އާ ހުޅުމާލޭގައި ކަމަށާއި 20 ދުވަސްތެރޭ ޑްރާމާ ޝޫޓްކޮށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މަޝްހޫރު ކެމެރާމަން ގޮޅާ ވަނީ މީގެ ކުރިންވެސް ގިނަ ފިލްމުތަކެއްގެ އިތުރުން ޑްރާމާތަކުގައި ވެސް މަސައްކަތްކޮށްފައެވެ.

comment ކޮމެންޓް