ހއ. ފިއްލަދޫ ކައުންސިލްގެ އިހުތިޞާސްގެ ދަށަށް ހއ. ދައްޕަރު އަލުން ލައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހުތިޞާސްގެ ދަށުން ނެގި މައްސަލައިގައި ކައުންސިލާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ފިއްލަދޫ ރައްޔިތުން އެ މައްސަލައިގައި ދެކޭ ގޮތް މިއަދު އޮތް އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި އޮޅުން ފިލުވާފައިވާ ކަމަށެވެ.
އަދި އެ މަޝްވަރާ ބައްދަލުވުންތަކަށްފަހު ދައްޕަރު އަލުން ފިއްލަދޫ ކައުންސިލްގެ އިހުތިޞާސްގެ ދަށަށް ގެންދިއުމަށް ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުކަމަށް މަބްރޫކް ވިދާޅުވިއެވެ.
ދައްޕަރު އިހްތިޞާސްގެ ދަށުން ނެގުމާއެކު އެ ރަށު ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން މީގެ ކުރިން "ސަން"އަށް ވިދާޅުވީ މި ކަމަކީ ރައީސްގެ ނިންމެވުމެއްކަމަށް ވުމާއެކު ކައުންސިލުގެ މާ ބޮޑު މައްސަލައެއް މިކަމުގައި ނެތް ކަމަށެވެ. ނަމަވެސް ރަށުގެ ރައްޔިތުންގެ ތެރެއިން ބައެއް ރައްޔިތުން މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
ދައްޕަރު އެ ރަށު ކައުންސިލްގެ އިހްތިޞާސްގެ ދަށުން ނަގާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވާ އާންމުކުރެއްވި ގަރާރެއްގައެވެ.
އެއާއެކު މިދިޔަ މަހުގެ އެއްވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްޕަރު ތަރައްގީކުރާނީ ރިއަލް އެސްޓޭޓް ޓޫރިޒަމަށްކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ދައްޕަރު އަލުން އަނބުރާ ހޯދުމުގެ ގޮތުން ފިއްލަދޫ ރައްޔިތުން އިސްވެ ވަނީ "ސޭވް ދައްޕަރު" ނަމުގައި ޕެޓިޝަނެއް އުފައްދައިފައެވެ. އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ ހަވާލުކުރީ މިދިޔަ މަހުގެ 21ވަނަ ދުވަހެވެ.
މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ ފިއްލަދޫ ރައްޔިތުން ބޭނުންވަނީ ފިއްލަދޫގެ އިހުތިޞާސްގެ ތެރޭގައި ދައްޕަރު އޮވެގެން އެތަން ތަރައްގީކޮށް، ސީދާ ރައްޔިތުންނަށް މަންފާ ލިބުމަށް ކަމަށެވެ.