އއ. މަތިވެރިއަށް އުފަން، މަޝްހޫރު ވާހަކަ ލިިޔުންތެރިޔާ މުހައްމަދު ގާސިމް، ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާކަށް ވިސްނާފައެއް ނެތެވެ. އަދި މި މަސައްކަތް ފަށައިގަތް އިރު ވެސް, އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ކިބައިގައި މި ކަމަކަށް ނެތެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ގާސިމްގެ ހިތުގައި، މި މަސައްކަތަށް ދެވިފައިވާ ޝައުޤުވެރިކަމާއި ގަދަރު އައީ އިތުރުވަމުންނެވެ.
ތައުލީމީ ދާއިރާގެ ތެރެއިން އުނގަންނައިދިނުމުގެ ދާއިރާއަށް ގާސިމަށް ވަދެވުނީ، އޭނާގެ ބޭބެ އެދުނު އެދުމުގެ މަތިންނެވެ
"މި ދާއިރާއަށް ވަނީ އެއްވެސް ޝައުުގުވެރިކަމެއް ހުރެގެންނެއް ނޫން. އެއް ދުވަހު ބޭބެ، މުދައްރިސުން ތަމްރީނުކުރާ ކޯހުގައި ބައިވެރިވާން އެދޭ ފޯމެއް ހިފައިގެން އައިސް ބުނީ، މި ފޯމް ފުރާފައި ސޮއިކޮށްލާށޭ. ސޮއިކޮށްލީމާ ބޭބެ ފޯމު ލީ ވެސް،" ގާސިމް ބުންޏެވެ.
1990 ވަނަ އަހަރު ޕްރައިމެރީ ޓީޗިން ހެދުމަށްފަހު، ޖެހިގެން އައި އަހަރު، ގާސިމް ފުރަތަމަ ވަޒީފާއަދާކުރީ، އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އޭރު އޭނާގެ އުމުުރަކީ އެންމެ 18 އަހަރެވެ. އެ ރަށުގައި ދެ އަހަރު މަސައްކަތް ކުރުމަށްފަހު 1993 ވަނަ އަހަރު ބަދަލުވީ އއ. މަތިވެރީ މަދަރުސާގެ ޕްރައިމެރީ ޓީޗަރަކަށެވެ. ރަށު މަދަރުސާގައި 5 އަހަރު ގާސިމް މަސައްކަތްކުރިއެވެ.
ގާސިމް ޓީޗަރެއްގެ ގޮތުގައި މާލެއަށް ބަދަލުވީ 1998 ވަނަ އަހަރު ސެކަންޑަރީ ޓީޗިން ހެދުމަށްފަހުގައެވެ. އެގޮތުން ތާޖުއްދީން ސްކޫލާއި، ކަލާފާނު ސްކޫލުގެ އިތުރުން މަޖީދިއްޔާ ސްކޫލްގައި ވެސް ވަނީ އޭނާ ވަޒީފާ އަދާކޮށްފައެވެ. އެއިން ކޮންމެ ސްކޫލެއްގައި ވެސް މަސައްކަތްކުރީ އެއް އަހަރުއެވެ. އެއަށްފަހު ސީއެޗްއެސްއީއާ ގުޅުނީ 2002 ވަނަ އަހަރުއެވެ. މިއަދާ ހަމައަށް ވެސް ގާސިމް މަސައްކަތްކުރަމުން އަންނަނީ އެ ސެންޓަރުގައެވެ.
ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާއިރު ހަނދާނުން ފޮހެލަން ދަތި އެތައް ހަނދާންތަކެއް ގާސިމްގެ ހިތުގައި ވަނީ ރައްކާކުރެވިފައެވެ. އުފާވެރި އެތައް ހަނދާންތަކުން ފުރިފައިވާއިރު، އެތައް ދަރިވަރުންނެއްގެ ފަރާތުން އުފާވެރި އެތައް ބަސްތަކެއް އޭނާއަށް އިވިފައި އެބަ ހުއްޓެވެ. އޭގެ ތެރެއިން ވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ބޭނުންވާ ހަނދާނެއް ގާސިމް ހިއްސާކުރިއެވެ.
"ސީއެޗްއެސްއީގެ ބާ ހޯލު ހުރި ދުވަސްވަރު، އެއްދުވަހު އެ ތަނުގައި ކުލާހެއް ނަގަން އަޅުގަނޑު ހުރީ. އޭރު ހޯލުގެ ފަހަތުގައި އިން ކޮންމެވެސް އެހެން ކުލާހެއްގެ ދަރިވަރެއް. އަޅުގަނޑު ކިޔަވައިދެމުން ދިޔައިރު، ވަރަށް ސަމާލުކަމާއެކު އޭނާ އަޑުއަހަން އިނދެފައި، ކުލާސް ނިންމާލީމާ އައިސް ސަލާންކޮށްލާފައި، އަޅުގަނޑުގެ ކިޔަވައިދިނުމަށް ކުރި ތަޢުރީފަކީ ހަނދާނުން ފިލުވައިލަން ވަރަށް ދަތި ވާހަކަތަކެއް. ފެންކަޅިވެފަ ހުރެ އެ ކުއްޖާ ވާހަކަ ދެއްކީ. އެއީ އަޅުގަނޑު ކިޔަވައިދިން ކުއްޖަކަށް ނުވާތީއާއެކު ހިތަށް އެރި އެ އިވުނީ ހަމަ ޙައްޤު ތައުރީފެކޭ. ވަރަށް އުފާވި ދުވަހެއް އެއީ."
ތިރީސް އަހަރުގެ ދިގު މުއްދަތުގައި ގާސިމްގެ އެންމެ އުފާވެރި ހަނދާންތަކަކީ ރަށުގައި ކިޔަވައިދިނުމަށް އޭނާ ހޭދަކުރި ދުވަސްތަކުގެ ހަނދާންތަކެވެ. ގުޅިގެން އެކުގައި ކުރެވުނު ބުރަ މަސައްކަތާއެކު ނިކުތް ފޮނި ނަތީޖާއެވެ. ތައުލީމީ ގޮތުންނާއި އެހެންނިހެން ގޮތްގޮތުން ރަށު މަދަރުސާއަށް ލިބުނު ކުރިއެރުމެވެ. މިއީ ގާސިމްގެ ހަނދާނުން ފިލުވައިލަން ދަތި ދުވަސްތަކެވެ.
"އެ ދުވަސްވަރު މަދަރުސާ ހިންގަން ހުރީ އަޅުގަނޑު. ވަރަށް ދަތިކޮށް މަސައްކަތްކުރި ދުވަސްތަކެއް އެއީ. މަދަރުސާގައި މާ ގިނަ ވަސީލަތެއް ނެތް ދުވަސްވަރެއް އެއީ. ސްޓެންސިލްގައި ލިޔެގެން، ޓެސްޓް ޕޭޕަރު ޗާޕުކުރަން ވެސް ދަނީ ކޮންމެވެސް އެހެން ރަށަކަށް. އެ ފަދަ ޒަމާނެއްގައި ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން މުޅި އަތޮޅުން އެންމެ ފާހަގަ ކޮށްލެވޭ އެއް މަދަރުސާއަށް މަތިވެރީ މަދަރުސާ ހެދުނު. އަތޮޅު ފެންވަރުގައި ބޭއްވި އެކިއެކި މުބާރާތްެތަކުން އެއް ވަނަ ހޯދާފައި ހުންނާނެ."
މި ދާއިރާއަކީ އޭނާއަށް މާ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު ދާއިރާއެއް ނޫނެވެ. ނަމަވެސް ކޮންމެ ޓީޗަރެއްގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސައްކަތަށް ލިބޭ އުޖޫރައާ މެދު ހުރި ކަންބޮޑުވުންތަކެވެ.
"މާ ގިނަ ދަތިތަކެއް ނެތް ކުރިމަތިވެފައި އަނެއްހެން. ކިޔަވައިދިނުމުގައި ކުރަން ބޭނުންވާ ކަންކަން ކުރެވޭ. އޮތް އެންމެ ބޮޑު ދައްޗަކީ ކުރާ މަސައްކަތާ އަޅައިބަލާއިރު ލިބޭ އުޖޫރަ ކުޑަވުން. ވަރަށް ގިނަ މީހުންގެ ޝަކުވާއެއް އެއީ،" އޭނާ ބުންޏެވެ.
ގައުމަކަށް ބޭނުންވާނެ ހަރުދަނާ ޖީލެއް ބިނާކުުރުމުގެ މަސްއޫލިއްޔަތު ކޮނޑު އަޅައިގެން މަސައްކަތްކުރާ ބަޔަކީ ޓީޗަރުންނެވެ. އެހެންކަމުން ޓީޗަރުން ވާންވާނީ ދަރިވަރުންގެ ވިސްނުން ދެނެގަންނަން އެނގޭ ފެންވަރު ރަނގަޅު ބަޔަކަށެވެ. އަދި އިލްމީ ގޮތުން ގާބިލުވުމާއެކު ކިޔަވައިދޭ އެއްޗެއްގެ މައުލޫމާތު ރަނގަޅަށް އެނގޭ ބަޔަކަށެވެ.
"އެހެންވީމާ އެކަން ކުރެވޭނެ މަގެއް އެބަ ބޭނުންވޭ. ކްލާހަށް ވަންނައިރު ހުންނަންޖެހޭނީ ކިޔަވައިދޭން ބޭނުންވާ އެއްޗަކަށް ރަނގަޅަށް ތައްޔާރުވެގެން. ދަރިވަރުން ކޮށްފާނެ ސުވާލުތަކަށް ޖަވާބުދެވޭވަރު ކޮށްގެން. ޓީޗަރަށް އެނގެން ވާނެ ކިޔަވައިދޭން ބޭނުންވާ އެއްޗެއް ވަރަށް ރަނގަޅަށް،" ގާސިމް ބުންޏެވެ.
ހަމައެއާއެކު ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރީ، ކިޔަވައިދިނުމުގެ އުކުޅުތަކެވެ. ޓީޗަރުގެ ކިބައިގައި ހުންނަ މައުލޫމާތެއް ދަރިވަރަށް ރަނގަޅަށް އުނގަންނައިދިނުމަށް އެކަށީގެންވާ އުކުޅުތަކެއް ބޭނުންކުރުމަކީ ވެސް މުހިންމު ކަމެއްކަމަށް އޭނާ ދެކެއެވެ.
"ކުދިންނާ ގުޅިގެން އެކުވެރި މާޙައުލެއްގައި ކިޔަވައިދިނުން ވަރަށް މުހިންމު. ކުދިންނާ ގުޅިގެން، ކުދިން ގަޔާވާ ގޮތަކަށް ކުރިއަށް ގެންދަންވާނީ. ކުލާހުގައި މާ ބޮޑަށް ސީރިޔަސްވީމާ ކުދިން ފޫހިވާގޮތް ވާނެ" ގާސިމް ބުންޏެވެ.
ކިޔަވައިދިނުމުގެ އިތުރުން ވާހަކަ ލިޔުމަކީ ވެސް ގާސިމްގެ ކިބަައިގައިވާ ހާއްސަ ފަންނެކެވެ. ޕްރައިމެރީ ޓީޗިން ހެދި ދުވަސްވަރު ކުރެވުނު ތަޖުރިބާ ހިއްސާކުރުމުގެ ގޮތުން ލިޔުނު ވާހަކައިން މިއަދު އޭނާއަކީ ރާއްޖޭގައި މަޝްހޫރު ވާހަކަ ލިޔުންތެރިއެކެވެ.
"އަސްލު ވާހަކައެއް ލިޔުމުގެ ވިސްނުމުގައެއް ނޫން އެ ލިޔުން ލިޔުނީ ވެސް. ލިޔެ ނިންމާފައި އަމިއްލައަށް ބޭރު ގަނޑެއް ކުރަހާލައި ހަދާފައި ކޯސް ކުދިންނަށް ކިޔަން ދިނީ. ދެން އެ މީހުން ބުނެފި ވާހަކައެއްް ނޫންހޭ މިއޮތީ ލިޔެފައި. ވާހަކަ ލިޔެވިދާނެހެން ހީވެއޭ. އެހައި ހިސާބުން ވާހަކަ ލިޔުމުގެ ވިސްނުން އައީ." އޭނާ ބުންޏެވެ.
އެއީ އޭނާގެ ކިބައިގައި ވާހަކަ ލިޔުމުގެ ޝައުގުވެރިކަން އުފެދިގެން އައި ގޮތެވެ. ގާސިމް ލިޔާ ކޮންމެ ވާހަކައަކީ ވެސް ހިތްހަމަޖެހިގެން ލިޔާ ވާހަކައެކެވެ. ނަމަވެސް އޭގެ ތެރޭގައި ވެސް ހާއްސަ މަސައްކަތްތައް އެބަ ހުއްޓެވެ.
"އެންމެ ހިތްހަމަ ޖެހިގެން ލިޔުނު އެއް ވާހަކަ އަކީ "ކަޅު ވިލާ". ދެން މިހާރު ލިޔަމުން އަންނަ "ހަފުސް" ވާހަކައަކީ ވެސް ވަރަށް ހިތްހަމަޖެހިގެން ލިޔަމުން އަންނަ ވާހަކައެއް. ހަމައެއާއެކު އެންމެ ފުރަތަމަ ޕަބްލިޝްކުރި "އުދަބާނި" ވާހަކަ އަކީ ވެސް ވަރަށް ހިތްހަމަޖެހޭ ގޮތަށް ލިޔެވުނު ވާހަކައެއް،" އޭނާ ބުންޏެވެ.
ލިޔުންތެރިކަމުގެ ރޮގުން ގާސިމަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ، 2009 ވަނަ އަހަރު ލިޔުންތެރިކަމުގެ ދާއިރާއިން، އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ލިބުމެވެ.
ގާސިމް ގަބޫލުކުރާގޮތުގައި ކޮންމެ މަސައްކަތަކަށް ވެސް ބޭނުންވަނީ ހިތްވަރެވެ. އަދި ކެރިގެން މަސައްކަތުގެ ފަންނަށް ނިކުމެވޭނެ ފަދަ އަޒުމެކެވެ. އޭނާގެ އުންމީދަކީ ރާއްޖޭގެ ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާވުމެވެ. އަދި ޓީޗަރުންގެ އަގު ވަޒަންކުރެވި، ޓީޗަރުންނަށް ވެސް އެ މީހުން ބޭނުންވާ ފަދަ ހެޔޮ ބަދަލުތަކެއް ލިބިގެން ދިއުމެވެ.