ޝިމާޒް ބަލިކޮށް އެމްއާރުއެމްގެ ނައިބު ރައީސަކަށް ޝަޒައިލް

އެމްއާރުއެމްގެ ނައިބް ރައީސް ކަމަށް އިންތިހާބް ކުރި ޝަޒައިލް(ކ) އަދި އިންތިހާބުން ނާކާމިޔާބްވެވަޑައިގަތް ޝިމާޒް ---

މޯލްޑިވަސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ނައިބް ރައީސަކު ހޮވުމަށް ނެގި ވޯޓު، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ބަލިކުރެއްވުމަށް ފަހު މޯލްޑިވްސް ގޭސްގެ އެމްޑީ ޝަޒައިލް ޝިޔާމް ކާމިޔާބު ކުރައްވައިފިއެވެ.

އެމްއާރުއެމްގެ މަގާމުތަކަށް މީހުން އިންތިހާބުކުރުމަށް މިއަދު ވަނީ އެ ޕާޓީގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަން ބާއްވާފައެވެ.

މަގާމުތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެންމެ ވާދަވެރިކޮށް ފެނިފައިވަނީ އެމްއާރުއެމްގެ ނައިބު ރައީސްގެ މަގާމެވެ. އެ ވޯޓު ކާމިޔާބު ކުރެއްވި ޝަޒައިލްއަށް ލިބިވަޑައިގަތީ 62 ވޯޓެވެ. ޝިމާޒްއަށް ލިބިލެއްވީ، 44 ވޯޓެވެ.

އަންހެން ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ، އައިމިނަތު ނާދިރާ އެކަންޏެވެ. އެހެން ކަމުން އޮޓަމެޓިކުން އޭނާއަށް ވަނީ އެ މަގާމުލިބިފައެވެ.

އެމްއާރުއެމްގެ ޒައީމްގެ މަގާމަށް ވެސް ކުރިމަތިލައްވާފައިވަނީ އެންމެ ފަރާތެކެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއެވެ. އެ މަގާމު އޭނާއަށް ލިބުނު އިރު އެ ޕާޓީގެ ރައީސްގެ މަގާމު ލިބިފައިވަނީ މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ފާރިސް މައުމޫނަށެވެ. އެ މަގާމަށް ވެސް ކުރިމަތިލެއްވީ ފާރިޝް އެކަންޏެވެ.

މިއަދު ކުރިއަށް ގެންދިޔަ އެމްއާރުއެމްގެ ފުރަތަމަ ކޮންގްރެސްގައި ވަނީ، އެގްޒެކެޓިވް ކޮމިޓީ އާއި ޒުވާނުންގެ ކައުންސިލާއި އަންހެނުންގެ ކައުންސިލަށް ރައީސުންނާއި ނައިބު ރައީސުންނާއި މެންބަރުން ހޮވާފައެވެ. އަދި އިންތިހާބު ކޮމިޓީ އާއި ސުލޫކީ ކޮމިޓީ އާއި އިސްތިއުނާފު ކޮމިޓީއަށް 15 މެންބަރުން ވެސް ވަނީ ހޮވާފައެވެ.

comment ކޮމެންޓް