ރަސްމީ ދަތުރެއް ނޫންނަމަ މެންބަރުންވެސް ވީއައިޕީ ލައުންޖަށް ލާރި ދައްކަންވާނެ: އުޝާމް

މެންބަރު އަހުމަދު އުޝާމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރަހުމަތްތެރިންނަށް ވީއައިޕީ ލައުންޖު ހިލޭ ބޭނުންކުރުމަކީ އެއްވެސް ގޮތަކަށް ތާއީދުކުރައްވާ ކަމެއް ނޫން ކަަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ

މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމެއްގައި މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު ދަތުރުކުރާ އާއިލީ މީހުންނާއި ރަހުމަތްތެރިންނަށް ހިލޭ ވީއައިޕީ ލައުންޖު ބޭނުންކުރެވޭ ގޮތަށް ފާސްކޮށްފައެވެ. މި ބައްދަލުވުން ބާއްވައިފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ކޮމިޓީގެ މި ނިންމުމާ ގުޅިގެން މެންބަރު އުޝާމް "ސަން"އަށް ވިދާޅުވީ މި ނިންމުމަކީ މަޖިލީހުގެ މެންބަރުންނަށް އެނގުމެއް ނެތި ކޮމިޓީން ފާސްކުރި ނިންމުމެއް ކަމަށެވެ.

"އެއް ޕާޓީއަކަށް ނިސްބަތްވާ އަށް މެންބަރުން ބޭއްވި ބައްދަލުވުމެއްގަ ނިންމި ނިންމުމެއް މިއީ މެންބަރުންނަށް އެންގުމެއް ނެތި. އެއްގޮތަަކަށް ވެސް ތާއީދެއް ނުކުރެވޭ،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އާންމު ހާލަތުގައި ވެސް މަޖިލީހުގެ މެންބަރުން ކުރާ ހުރިހާ ދަތުރެއްގައި ވީއައިޕީ ލައުންޖުގެ ހިދުމަތް ދިނުމަކީ ގަބޫލުކުރެވޭ ގޮތެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މެންބަރުންނަށް ވެސް އެ ހިދުމަތް ލިބެންވާނީ ހަމައެކަނި ރަސްމީ ދަތުރުތަކަށް އެކަނި. އަމިއްލަ ދަތުރުތަކުގައި ހަމަ މެންބަރުން އަމިއްލައަށް ވީއައިޕީއަށް ޕޭ ކުރުން އެންމެ ރަނގަޅު ގޮތަކީ،" އުޝާމް ވިދާޅުވިއެވެ.

މެންބަރުންގެ ވީއައިޕީ ހިދުމަތަކީ މަޖިލީހުގެ އިދާރާއިން ބަލަހައްޓާ ހަރަދެކެވެ.

ނަވާރަ ވަނަ މަޖިލީހުގައި ވީއައިޕީގެ ހިދުމަތް ދެމުން އައީ މެންބަރުންގެ އަނބިންނާއި، ފިރިންނާއި، ދަރިންނާއި، މައިންބަފައިންނަށް އެކަންޏެވެ.

އާންމު ކޮމިޓީއިން މި ނިންމުން ނިންމާފައިވާއިރު އެ ކޮމިޓީގައި ތިއްބަވާ ނުވަ މެންބަރުންގެ ތެރެއިން އަށް މެންބަރުންނަކީ އެމްޑީޕީ މެންބަރުންނެވެ. މީގެ އިތުރުން ދެން އެ ކޮމިޓީގައި އިންނަވަނީ ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.

comment ކޮމެންޓް