ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލާފައިވާ ހިއުމަން ޓްރެފިކިން ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިއްޖެއެވެ.
އެ މައްސަލައިގައި ރިޒާގެ އިތުރުން ދެ މީހަކަށް ވަނީ ދައުވާކޮށްފައެވެ. އެއީ ނ. މާފަރު، ބްލާސަމްގެ ހަސަން އުމަރާއި ށ. މިލަންދޫ، ރެޑްރޯސް ނަސްރުﷲ އުސްމާނެވެ. އެމީހުންގެ މައްޗަށް އުފުލާފައި ވަނީ މީހުން ޓްރެފިކް ކުރުމުގައި ބައިވެރިކަމުގެ ދައުވާއެވެ.
މީގެ ކުރިން އެ މައްސަލައިގައި އެއް އަޑުއެހުން ބާއްވާފައިވާއިރު، އެ އަޑުއެހުމަށް ވަކީލަކާ ނުލައި ހާޒިރު ވުމުން ތިން މީހުނަށް ވެސް ވަނީ ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދީފައެވެ.
މިއަދުގެ އަޑުއެހުމަށް ތިން މީހުން ވެސް ހާޒިރުވެފައިވަނީ ވަކީލަކާ އެއްކޮށެވެ. އެ މައްސަލައިގައި ދައުވާ ލިބޭ މެންބަރު ރިޒާ އާއި އުސްމާނު ކްރިމިނަލް ކޯޓަށް ހާޒިރުވި ނަމަވެސް ނަސްރުﷲ، އަޑުއެހުމުގައި ބައިވެރިވީ ހއ. ކެލޭ ކޯޓުގައި ހުންނަވައިގެން އޮންލައިންކޮށެވެ.
މިއަދު 11 ޖެހިއިރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އޮތީ ދައުލަތުން ދައުވާ އިއްވުމަށްފަހު ދިފާއުން ޖަވާބުދާރީ ވުމެވެ. ނަމަވެސް އަޑުއެހުން ފެށުމާ އެކު ދައުލަތުގެ ވަކީލު ވިދާޅުވީ ހުށަހަޅާފައިވާ ދައުވާގައި ލިޔުމުގެ ކުށެއް އޮތުމުން އެކުށް އިސްލާހު ކުރުމަށް ގާޒީގެ އިޒުނަ ދެއްވުމަށެވެ.
އެ ކުށަކީ ދައުވާގެ 12 ވަނަ މާއްދާގެ ހ. ގައި އެކެއް ލިޔެވިފައި އޮތުމެވެ. ރަނގަޅު ގޮތަކީ 12 ވަނަ މާއްދާގެ ހ. ގެ ދޭކެވެ.
އެކަމަށް ދިފާއުން އިންކާރު ނުކުރި ނަމަވެސް އެދިފައިވަނީ، އިސްލާހު ކުރާ މާއްދާ ދިރާސާ ކުރުމަށް ދެ ހަފްތާ ދިނުމަށެވެ. ދިފާއުން އިތުރު މުއްދަތަށް އެދުމުން ދައުލަތުން އިއުތިރާޒް ނުކުރިނަމަވެސް ވަކީލް ވިދާޅުވީ، އެއީ އިތުރު މުހުލަތެއް ދޭން ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ދީބަނާޒް ފަހްމީ ވިދާޅުވީ، ދައުވާގެ ޝީގާގައި ހަވާލާ ދީފައިވާ މާއްދާތައް އިސްލާހު ކުރުމަށް ފުރުސަތު ދިނުމަށް ނިންމާ ކަމަށާއި އަދި އިސްލާހުތަކާއި އެކު އަންނަ އާދިއްތަ ދުވަހުގެ ކުރިން ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ދީބަނާޒް ފަހުމީ ވިދާޅުވީ، އެ މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.