ހަސަންޓޭ ބަލިކޮށް އަލިފުށި ދާއިރާގެ ރައީސަކަށް ބިގޭ

އަލިފުށި ދާއިރާގެ މެންބަރު ބިގޭ: އޭނާ ވަނީ އެމްޑީގީގެ ދާއިރާތަކުގެ އިންތިހާބުގައި އަލިފުށީ ދާއިރާގެ ރައީސްކަން ކާމިޔާބް ކުރައްވާފައި --- ފޮޓޯ/ މަޖިލިސް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަލިފުށީ ދާއިރާގެ ރައީސްކަން އެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކާމިޔާބު ކުރައްވައިފި އެވެ.

ބިގޭ އެ ގޮނޑި ކާމިޔާބު ކުރައްވައިފައިވަނީ، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ) ބަލިކުރުމަށްފަހުއެވެ.

މަޖިލިސް ދެ މެންބަރުންގެ ކުރިމަތިލެއްވުން ބިގޭ ކާމިޔާބު ކުރައްވައިފައިވާއިރު، އޭނާއަކީ ރައިސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިސް ފަރާތެކެވެ. މަޖިލީހުގެ ތެރެއިން ރައީސް ސޯލިހު ބޭނުންފުޅުވެލައްވާ ކަންކަމުގައި ބިގޭ ވަކާލާތު ކުރައްވާ ކަމަށް ވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ތުހުމަތު ކޮށްފައެވެ.

ބިގޭއާ ވާދަކުރެއްވި ހަސަންޓޭއަކީ އަލިފުއްޓަށް އުފަން ބޭފުޅެކެވެ. އަދި ހަސަންޓޭ ފާހަގަކުރެވިފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ފަރާތެއްގެ ގޮތުގައެވެ.

ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވި ތިން މިނިސްޓަރުން ވެސް ވަނީ އެ ބޭފުޅުން ވާދަކުރެއްވި ދާއިރާތަކުން ކާމިޔާބް ހޯއްދަވާފައެވެ.

އެއީ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރެއްވި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފާއި ލ. ގަމު ދާއިރާގެ ރައީސްކަމަށް ވާދަކުރެއްވި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މެދު ދެކުނު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރެއްވި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

comment ކޮމެންޓް