މެދު އުތުރު ޕްރޮވިންސްގެ ރައީސްކަން ބޮޑު ތަފާތަކުން މަހްލޫފް ކާމިޔާބުކުރައްވައިފި

ރައީސް ސޯލިހު މަހްލޫފްއާ ސަލާމް ކުރައްވަނީ: މެދު އިތުރު ޕްރޮވިންސްގެ ރައީސް ކަން މަހްލޫފް ވަނީ ކާމިޔާބް ކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މެދު އިތުރު ޕްރޮވިންސްގެ ރައީސް ކަން، ބޮޑު ތަފާތަކުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކާމިޔާބު ކުރައްވައިފިއެވެ.

އެ ދާއިރާއަށް މަހްލޫފްގެ އިތުރުން ދެން ވާދަކޮށްފައިވަނީ، މޫސާ ނައީމް އަދި އަލީ ޝާހީން ހުސައިނެވެ.

މިހާތަނަށް ގުނި ގިނަ ފޮށިތަކަކުން މަހްލޫފް ކުރި ހޯއްދަވައިފައި ވާއިރު އޭނާ އާ އެންމެ ގާތުން ވާދަކުރަނީ ޝާހީނެވެ. އެހެން ނަމަވެސް އެ ދެ ކެންޑިޑޭޓުންގެ ދެމެދުގައި ފަރަގު ބޮޑުކަން ފާހަގަކޮށްލެވެއެވެ.

މެދު އުތުރު ޕްރޮވިންސްގައި ހިމެނެނީ ކ. ވ. އއ. އަދި އދ އަތޮޅެވެ. އެ ގޮނޑި މަހްލޫފް ކާމިޔާބް ކުރައްވާފައިވާއިރު ގިނަ ފޮށިތަކަކުން 90 އިންސައްތަ ވޯޓު އޭނާ ވަނީ ކާމިޔާބް ކުރައްވާފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހުލޫފަށް ވާދަކުރެވޭނެ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެއާއެކު އެ ދާއިރާތަކުގައި ހިމެނޭ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް މަހްލޫފް ވަނީ ޒިޔާރާތް ކުރައްވާފައެވެ.

comment ކޮމެންޓް