ޕާޓީގެ މެމްބަރުންނަށް ވުމަށް، ޖޭފޯ އާއި މޮސްޓާއަށް ފައިސާ ދޭން އެއްބަހެއް ނުވަން: އެމްއެންޕީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން މިއަދު ބޭއްވި ޕްރެސްގެ ތެރެއިން --- ފޮޓޯ/ އެމްއެންޕީ

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އަށް ފައިސާ ދޭން އެއްބަސްވެފައެއް ނުވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ.

އެމްއެންޕީ އިން މިހެން ބުނީ މޮސްޓާ އާއި ޖޭފޯ، އެމްއެންޕީގެ މަސައްކަތުން ދުރަށް ޖެހިލަން މަޖުބޫރުވީ ފައިސާގެ މައްސަލައެއްގައި ކަމަށް ބުނެ މީޑިއާގައި ވާހަކަ ދެކެވެމުން އަންނަ ދުވަސްވަރެއްގައެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ފައުންޑިން މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވާހަކައަކީ މަޖިލީހުގައި ތިއްބެވި، އެއް ފިކުރަކަށް ތާއީދުކުރާ މެމްބަރުން ތަކެއްގެ މެދުގައި ދެކެވުނު ވާހަކައެއްގެ ތެރެއިން އުފަންވި، ހިޔާލެއް ކަމަށެވެ.

އެގޮތުން އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދާ، ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން ފަސް މެންބަރުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ވެސް އޮންނާނެ ކަމަށެވެ.

"ޔަގީންކަމާއެކު ދަންނަވަން ކެރިދާނެ މި ޕާޓީގެ ފަރާތުން އަޅުގަނޑު ވެސް އަދި ނާޒިމް ވެސް އަދި ރިޔާޒް ވެސް އެބޭފުންނަށް ފައިސާއެއް ދިނުމަކަށް އެއްބަސް ވެފައެއް ނޯންނާނެ. ޕާޓީގެ މަސައްކަތްތަކާއި މެމްބަރުން ހަމަކުރުމުގެ މަސައްކަތުގައި ވެސް ވަނީ އެ ބޭފުޅުން ބައިވެރިވެފަ. އޭރު ވެސް އެކަހަލަ މައްސަލައެއް ނެތް،" އުޝާމް ވިދާޅުވިއެވެ.

"މި ޕާޓީ އުފެއްދުމަށް ޓަކައި ނުވަތަ މެމްބަރުންނަށް ވުމަށް ޓަކައި ފައިސާ ދިނުމަކަށް އަޅުގަނޑުމެން އެއްބަސް ވެފައެއް ނޯންނާނެ،"

އުޝާމް ވިދާޅުވީ އެމްއެންޕީ، އުފެއްދުމުގެ ގޮތުން ކުރެވުނު ހުރިހާ މަސައްކަތަކީ ވެސް ފަސް މެމްބަރުންގެ ހިއްސާ ހަމަހަމަ ކަމާއިއެކު އޮވެގެން ކުރެވުނު މަސައްކަތެއް ކަމަށާއި އެހެންކަމުން ފައިސާގެ ވާހަކައެއް މެމްބަރުންގެ މެދުގައި ނުވެސް ދެކެވޭ ކަމަށެވެ.

"އޭރުވެސް ތިޔަކަހަލަ ޝަކުވާއެއް، ނުވަތަ ހިތްހަމަ ނުޖެހުމެއް އުޅޭ ކަމެއް ވެސް އެބޭފުންގެ ފަރާތުން އަޅުގަނޑާ ހަމައަކަށް ނާދެ. ދެން އަޅުގަނޑަކަށް ނޭނގެ އެބޭފުޅުން އެހެން އެ ވިދާޅުވަނީ ކީއްވެ ކަމެއް،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް އެއްގޮތް ކުރުމަށްފަހު، މޮސްޓާ އާއި ޖޭފޯ، އެމްއެންޕީ އާ އަލުން ގުޅިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އުޝާމްގެ އިތުރުން އެމްއެންޕީ އުފެއްދުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވާ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވެސް ވިދާޅުވެފައިވަނީ ޖޭފޯ އާއި މޮސްޓާ، އެނބުރި ވަޑައިގެން އެމްއެންޕީއާ އަލުން ގުޅިވަޑައިގަންނަވާނެ ކަމަށް އޭނާ ވެސް އުއްމީދު ކުރައްވާ ކަމަށެވެ.

އާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއެންޕީ ރެޖިސްޓްރީ ކުރުމަށް ޓަކައި 5،300 މެމްބަރޝިޕް ފޯމާއެކު އިލެކްޝަންސް ކޮމިޝަނަށް މިހާރު ވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް