ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރާނެ ގޮތަކާ މެދު ދަނީ މަޝްވަރާ ކުރަމުން: ސީޕީ ހަމީދު

ސީޕީ ހަމީދު: ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރަން ފުލުހުންގެ ބޯޑުން ނިންމާފައިވާތީ އެކަން ތަންފީޒުކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގައިއެވެ. އެއީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ.

ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުން:

  1. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  2. އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  3. ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
  4. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  5. އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  6. ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  7. ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

އެކަމާ ގުޅޭ ގޮތުން ސީޕީ ހަމީދު މިއަދު 'ސަން' އަށް ވިދާޅުވީ، ފުލުހުންގެ ތެރެއިން ވަކި ކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވަނީ ފުދޭ ވަރަކަށް ސީނިއާ އޮފިސަރުންތަކެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން އެކި ލެވަލްގައި މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުގެ މައްޗަށް ލާޒިމްވާ ކަމެއް އެއީ އެ ރިކޮމެންޑޭޝަންތަކާ އެކު ކުރިއަށް ދިއުން. ދެން އެކަން ކުރާނެ ގޮތްތަކާ މެދު މިދަނީ މަޝްވަރާ ކުރަމުން،" ސީޕީ ހަމީދު ވިދާޅުވިއެވެ.

ފޮލިސް ބޯޑުގެ ނިންމުންތަކާ ގުޅިގެން މަޝްވަރާ ކުރަމުންދިޔަ ނަމަވެސް އެ ނިންމުންތައް ތަންފީޒު ކުރާނެ ސީދާ ތާރީހެއް ސީޕީ ވިދާޅެއް ނުވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފެށީ މިދިޔަ މާޗް މަހުގަ އެވެ. އަދި އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ފުލުހުންގެ ބޯޑެއް ވަނީ މިދިޔަ އޭޕްރިލް މަހު އެކުލަވާލައިފައިއެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރަކު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ނުވަތަ ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ ނުވަތަ އެ މީހަކާ ދެކޮޅަށް އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާ ނަމަ، އެ އޮފިސަރަކީ މަގާމަށް ގާބިލު މީހެއް ކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައިވެއެވެ.

އެ ބޯޑުން ނިންމާ ނިންމުން ތަންފީޒުކުރުމަށް ކޮމިޝަނަރަށް ފޮނުވަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް