ފަހަތުން އަރައި ގެޓާފޭ ބަލިކޮށް، އެތްލެޓިކޯ އެއްވަނައަށް

އެތްލެޓިކޯގެ ފޯވާޑް ސުއަރޭޒް--- ފޮޓޯ: ލެންސް

ފަހަތުން އަރައި ގެޓާފޭގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައި ލަލީގާ ތާވަލުގެ އެއްވަނަ މަގާމަށް އެތްލެޓިކޯ މެޑްރިޑް ޖެހިލައިފިއެވެ.

ގެޓާފޭއިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސާބިއާ ޑިފެންޑަރު ސްޓެފާން މިޓްރޮވިޗްއެވެ. މިޓްރޮވިޗް މިލަނޑު ޖެހީ ނެމަންޔާ މަކްސިމޮޗިވް ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް އަމާޒުކޮށްލައިގެންނެވެ.

މެޗުގައި އެތްލެޓިކޯގެ ދެލަނޑުވެސް ޖަހައިދިނީ ދެވަނަ ހާފުގައި ފޯވާޑް ލުއިސް ސުއަރޭޒްއެވެ. އެޓްލެޓިކޯއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްލީ 78 ވަނަ މިނިޓުގައެވެ. ސުއަރޭޒް މިލަނޑު ޖެހީ މާރިއޯ ހެރްމޮސޯ ދިން ބޯޅައަކުންނެވެ.

މެޗުގެ ލީޑު އެތްލެޓިކޯއަށް ނަގައިދީ ތިން ޕޮއިންޓު ސުއަރޭޒް ކަށަވަރުކޮށްދިނީ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައެވެ. އަރިމަތިން ސިމޭ ވަސަލިކޯ ނަގައިދިން ހުރަސް ސުއަރޭޒް ގޯލުގެ ދާގަނޑަށް އަމާޒުކޮށްލީ އޭނާ ބޮލުން ފޮނުވާލި ހަމަލާއިންނެވެ.

މެޗުން ލިބުނު ތިިން ޕޮއިންޓާއެކު އެޓްލެޓިކޯ މިހާރު އޮތީ ލީގު ތާވަލުގެ އެއްވަނައިގައި 14 ޕޮއިންޓާއެކުއެވެ. ދެވަނަ މަގާމުގައި ރެއާލް އޮތީ 13 ޕޮއިންޓާއެކުއެވެ. ނަމަވެސް ރެއާލްއަށް ފައިދާ މެޗެއް އެބައޮތެވެ.

comment ކޮމެންޓް