ކަފާލާތުގެ ދަށުން ޝިލްޕާ ޝެޓީގެ ފިރިމީހާ ދޫކޮށްލައިފި

ޝިލްޕާ އާ އޭނަގެ ފިރިމީހާ ރާޖް ---

ބަރަހަނާ ފިލްމު ހަދައި އެއިން ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ދެމަސް ދުވަސްފަހުން ޖަލުގެ ތޭރިތަކުގެ ދަށުގައި ހުރި ރާޖް ކަފާލާތުގެ ދަށުން ދޫކޮށްލީ 50،000 ރުޕީސް އަށެވެ. މުމްބާއިީ ފުލުހުންގެ ކްރައިމް ބްރާންޗުން ބުނީ އިނގިރޭސިވިލާތުގެ ބައެއް ވެސް ހިމެނޭގޮތަށް ވިޔަފާރިކުރަމުން އައި މި ފިލްމުތައް ހެދުމުގެ އެންމެ އިސްކޮށް ހުރި މީހަކީ ރާޖްކަމަށެވެ. އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވިގެން ދިޔައިރު އެ ތުހުމަތުތަކަށް ރާޖް ވަނީ ފާޅުގައި އިންކާރުކޮށްފައެވެ.

އޭނާގެ އަންހެނުން ޝިލްޕާ ޝެޓީ ވެސް ވަނީ މީޑިއާގެ ކުރިމަތީގައި ރާޖް ދިފާއުކޮށް ވާހަކަ ދައްކާފައެވެ. ޝިލްޕާ ބުނީ ރާޖް އެފަދަ ކަމެއް ނުކުރާނެ ކަމަށާއި އެފަދަ ކަމެއް ކުރާކަން އޭނާއަށް އެނގިފައިނުވާ ކަމަށެވެ.

މުމްބާއީ ފުލުހުން ރާޖް ހައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުގައެވެ. ފުލުހުން ބުނީ ރާޖް އެފަދަ ފިލްމުތައް އުފައްދާ ސްޓްރީމްކޮށްފައިވަނީ "ހޮޓްޝޮޓް" "ބޮލީވުޑް ފޭމް" ކިޔާ އެޕްލިކޭޝަނަކުން ކަމަށެވެ. އޭނާގެ މައްސަލަ އަދިވެސް މުމްބާއީގެ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ކަފާލާތުގެ ދަށުން ރާޖް ދޫކޮށްލިއިރު ޝިލްޕާ ވަނީ އިންސްޓަގްރާމްގައި އެދެމަފިރިންނަށް ފާޑުކީ މީހުންނަށް ވަރުގަދަ ރައްދެއްވެސް ދީފައެވެ.

comment ކޮމެންޓް