ޝިލްޕާ ޝެޓީގެ އުއްމީދަކީ ހޮލީވުޑްގެ އެކްޝަން ފިލްމުތަކުން ފެންނަ ހޮލީވުޑް ބަތަލާއިންނެކޭ އެއް ފެންވަރަށް ބޮލީވުޑްގެ ފިލްމުތަކުން ވެސް އެކްޝަން ރޯލުން އިންޑިއާއަށް ނިސްބަތްވާ ބަތަލާއިން ފެނުން ކަމަށް ބުނެފިއެވެ.
މި މަހުގެ 19ވަނަ ދުވަހު އެމޭޒަން ޕްރައިމްއިން ރިލީޒްކުރާ އެކްޝަން ވެބް ސީރީސް "އިންޑިއަން ޕޮލިސް ފޯސް"ގެ ބަތަލާ ބުނީ، ހޮލީވުޑްގެ ފިލްމުތަކަށް ވުރެ މާގިނަ ތަފާތު އެކްޝަން ފިލްމުތައް ބަތަލާއިންނަށް ހާއްސަކޮށްގެން އުފެއްދުމުގެ ފުރުސަތު ހިންދީ ސިނަމާގައި އެބައޮތް ކަމަށެވެ.
ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީގެ އަލަތު ވެބް ސީރީސް "އިންޑިއަން ޕޮލިސް ފޯސް"އިން ވަރަށް ކެރޭ ފުލުސް އޮފިސަރެއްގެ ރޯލު ކުޅޭ ބަތަލާ ބުނީ ބެލުންތެރިން ވެސް މިހާރު ބޭނުންވަނީ ބަތަލާއިން އެކްޝަން ރޯލުތަކުން ފެނުން ކަމަށެވެ. ކުރީގެ އެކްޝަން ފިލްމުތަކާ އަޅާ ބަލާއިރު މިހާރު މަންޒަރު ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި ފިރިހެނުންނާ އެއްވަރަށް އަންހެނުންނަށް ވެސް އެކްޝަން ރޯލު ކުޅުމުގެ ގާބިލުކަން ލިބިފައިވާ ކަމަށެވެ.
ބޮލީވުޑުން އަންހެނުންނަށް ހާއްސަ އެކްޝަން ފިލްމުތައް ނުފެނުމުގެ މައިގަނޑު އެއް ސަބަބަކީ އަދިވެސް މި އިންޑަސްޓްރީ 'މޭލް ޑޮމިނޭޓެޑް ސޮސައިޓީ'އެއްގެ ގޮތުގައި ލޭބަލްވެފައި އޮތުން ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ. ހޮލީވުޑްގެ ބަތަލާއިން ކަމަށް ގަލް ގެޖޮޓް އަދި ސްކާލެޓް ޖޮހަންސަންފަދަ ބަތަލާއިން ކުޅެފައިވާ އެކްޝަން ފިލްމުތައް ވަރަށް ކަމުދާ ކަމަށާއި އެފަދަ ފިލްމުތައް ކުޅެން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ.
ޝިލްޕާގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް "އިންޑިއަން ޕޮލިސް ފޯސް"އިން ބަތަލާއަށް ހުށަހެޅުނު ރޯލަކީ އުމުރާ ވެސް ވަރަށް ގުޅޭ ރޯލެއް ކަމަށާއި ފުރަތަމަ އެ ރޯލް ހުށަހެޅީ އެހެން އެކްޓަރަކަށް ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ.
ނަމަވެސް ފިލްމު އުފައްދާ ފަރާތުން އެދުމުން ރޯހިތު ޝެޓީ ބޭނުންވީ އެ ފުރުސަތު ޝިލްޕާއަށް ދިނުމަށެވެ. ޝިލްޕާ ވެފައި ވަނީ ރޯހިތު ޝެޓީގެ ފިލްމު ކުންފުނި ކޮޕް ޔުނިވާސްއިން ގެނެސްދޭ ފިލްމުތަކަށް ބަލާއިރު އެންމެ ފުރަތަމަ ސްކްރީނަށް އަންނާނެ އަންހެން ފުލުސް އޮފިސަރަށެވެ.
ޝިލްޕާ އިސް އޮފިސަރެއްގެ ރޯލު ކުޅޭ މި ފިލްމުން ސިދާތު މަލްހޯތްރާ އަދި ވިވެކް އޮބްރޯއި މުހިއްމު ރޯލުން ފެންނާނެއެވެ.