ޕޮންޒީ ސްކީމެއްގެ ތުހުމަތުގައި ޝިލްޕާގެ މުދާތަކެއް ރެއިޑްކޮށްފި

ފައިސާގެ އެކިއެކި މުއާމަލާތްތަކުގައި މީގެ ކުރިން ވެސް އެކި ފަހަރުމަތިން ތުހުމަތުކޮށް މައްސަލަތަކެއް ކުރިމަތިވެފައިވާ ބަތަލާ ޝިލްޕާ ޝެޓީގެ ދެމަފިރިންގެ މައްޗަށް އަނެއްކާ ވެސް މިފަދަ ތުހުމަތުތަކެއް ކޮށްފިއެވެ.

ޝިލްޕާގެ ދެމަފިރިންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ވޭރިއަބަލް ޓެކް ލިމިޓެޑާ ގުޅިގެން ބިޓްކޮއިން މެދުވެރިކޮށް ހިންގި ޕޮންޒީ ސްކީމެއްގެ މައްސަލައެވެ.

އިންޑިއާގެ އީޑީއާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ މިފަދަ މައްސަލައަކާ ގުޅިގެން 2002ވަނަ އަހަރު ވެސް ޝިލްޕާގެ ނަމުގައި ހުރި ގިނަ މުދާތަކެއް އެ އޮތޯރިޓީއިން ސީޒްކުރިކަމަށެވެ. މި ފަހަރު ފެންމަތިވި މައްސަލައާ ގުޅިގެން މުމްބާއީގެ ޖުހޫގައި ހުންނަ ޝިލްޕާގެ ފްލެޓް އަދި ޕޫނޭގައި ރާޖް ކުންދްރާގެ ނަމުގައި ހުންނަ އަގު ބޮޑު ބަންގްލޯއެއް އީޑީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ޝިލްޕާ ޝެޓީގެ ދެމަފިރިން މުމްބާއީގައި ހުންނަ އަމިއްލަ ރެސްޓޯރެންޓުގައި--ފޮޓޯ/ފިލްމުފެއަނިއުސް

މި ހަރުމުދާތައް ހޯދާފައިވަނީ ޕޮންޒީ ސްކީމްގެ ތެރެއިން ނުހައްގުން ކަމަށް ތުހުމަތުކުރެވޭ ކަމަށާއި މީގެ ތެރޭ މަނީލޯންޑްރިންގެ މައްސަލަތަކެއް ހުރެދާނެކަމަށް ޝައްކުކުރެވޭތީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އީޑީން ވަނީ ބުނެފައެވެ.

އީޑީން ބުނެފައިވާ ގޮތުގައި ޕޮންޒީ ސްކީމްގައި އަމަލީ ގޮތުން ބައިވެރިވެ ބިޓްކޮއިން ހޯދާފައިވަނީ ރާޖް ކުންދްރާ ކަމަށްވުމުން ބަތަލާ ޝިލްޕާގެ ބައިވެރިވުމެއް އެކަމުގައި އޮތްތޯ ނުވަތަ ނޫންތޯ އަދި ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށެވެ. މި ތުހުމަތުތަކާ ގުޅިގެން ޝިލްޕާގެ ދެމަފިރިންގެ ފަރާތުން ހާއްސަ ޤާނޫނީ ވަކީލުންގެ ޓީމެއް ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޝިލްޕާގެ ދެމަފިރިންނަށް އިންސާފު ހޯދައިދޭން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށް ބަތަލާގެ ޤާނޫނީ ޓީމުން ވަނީ ބުނެފައެވެ. ނުހައްގުން ފައިސާ ހޯދިކަމުގެ ތުހުމަތުތަކެއް ޝިލްޕާގެ ދެމަފިރިންނަށް ކުރިމަތިވިއިރު 2021ވަނަ އަހަރު ރާޖް ކުންދްރާ ވަނީ ބަރަހަނާ ފިލްމުތަކެއް އުފައްދާ އޭގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ދެ މަސް ދުވަސް ވަންދެން ޖަލުގައި ބަންދުކުރުމަށްފަހު ކަފާލާތުގެ ދަށުން ފަހުން ދޫކޮށްފައެވެ.

comment ކޮމެންޓް