އިސްލާމް ޓީޗަރު އަލްއުސްތާޒް ސުއޫދު އިބްރާހިމްފުޅުގެ މަރުގެ ހަބަރާއެކު ފާއިތުވެދިޔަ 19 އަހަރު ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ދަރިވަރުން ރޮއްވައިލައިފިއެވެ. މިއަދު ހެނދުނު މުޅި ފޭސްބުކް ފުރައިލައިފައި އޮތީ އެތައް ދަރިވަރުންނެއްގެ އިހްތިރާމާއި ގަދަރު ހޯއްދަވައިފައިވާ އެ ޓީޗަރުގެ ހަނދާންތަކުންނެވެ.
ސުއޫދުގެ ވަކިވެދިޔުމާއެކު އޭނާގެ ގިނަ ދަރިވަރުންނަށް އެކަން އަދިވެސް ގަބޫލު ކުރަން ދައްޗެވެ. އަދި އެކުގައި މަސައްކަތް ކުރައްވާ ޓީޗަރުންގެ ހާލަކީ ވެސް އެއީއެވެ. އާއިލާއިން ތިބީ ކުއްލި ސިހުމެއްގައެވެ. ސުއޫދުގެ މަރާއެކު އޭނާ ދަންނަ އެންމެން މިއަދު ތިބީ މޮޅީގެ ސާލެއްގައެެވެ.
ސުއޫދުގެ ތައުލީމީ ހަޔާތް!
ޅ. ނައިފަރަށް އުފަން މުހައްމަދު ސުއޫދުގެ ތައުލީމީ ހަޔާތުގެ ބިންގަލަކީ އެ ރަށު މަދަރުސަތުލް އިފްތިތާހެވެ. އެ ރަށުން އެ ދުވަސްވަރު ކިޔެވެނީ ގުރޭޑް ހަތަކާ ހިސާބަށެވެ. ގުރޭޑް ހަތަކާ ހިސާބަށް ކިޔެވުމަށްފަހު އިތުރަށް ތައުލީމް ހާސިލު ކުރުމަށްޓަކައި ސުއޫދު މާލެއަށް ބަދަލުވިއެވެ.
މާލެއަށް ބަދަލުވުމަށްފަހު އެންމެ ފުރަތަމަ ސުއޫދު ތައުލީމް ހާސިލު ކުރީ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ޔުނީފޯމް ކުލާހުގައެވެ. އަދި ދުވަސްކޮޅަކު އެ ކުލާހުގައި އުޅުމަށްފަހު ދެން މާލޭ މައުހަދުގައި އޮތް ކޯސްތަކުގައި ކިޔަވަން ފެށިއެވެ.
މައުހަދުން އެންމެ ފުރަތަމަ ސުއޫދު ކިޔެވީ ތަރުބިއްޔާ އިސްލާމިއްޔާ ކޯހެވެ. އެ ކޯސް ފުރިހަމަ ކުރުމަށްފަހު އެ ދުވަސްވަރު އަލަށް ތައާރަފްވި މުހާމީ ކޯސް ފުރިހަމަކުރިއެވެ. އެއަށްފަހު މައުހަދު ކުއްލިއްޔާއަށް ބަދަލުވުމުން، އެ ތަނުން އިސްލާމް ޓީޗަރުކަން ކިޔަވަން ފެށިއެވެެ.
ކުއްލިއްޔާގެ ނަން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއަށް ބަދަލުވީ އިރު ވެސް ސުއޫދަކީ އެތަނުގެ ދަރިވަރެކެވެ. އެގޮތުން އޭނާވަނީ ފަސްޓް ޑިގްރީ އިން އިސްލާމް ޓީޗިން ހާސިލު ކޮށްފައެވެ. އަދި އެ ޔުނިވާސިޓީގައި އޮތް ޑިޕްލޮމާ އޮފް އަރަބިކް ލެންގުއޭޖް އެންޑް އިސްލާމިކް ސްޓަޑީސް ފުރިހަމަ ކުރިއެވެ.
ފަސްޓް ޑިގްރީ އައިޔޫއެމްއިން ނިންމުމަށްފަހު ވިލާ ކޮލެޖުން 2017ވަނަ އަހަރު މާސްޓާ އޮފް ޝަރީއާ ފުރިހަމަ ކުރިއެވެ.
ސީއެޗްއެސްއީގައި 19 އަހަރު، ކަޅު ދުވަހެއް!
އިސްލާމް ޓީޗަރެއްގެ ގޮތުގައި ސުއޫދު މަސައްކަތް ކުރަން ފެށީ 1992ވަނަ އަހަރުގައެވެ. އޭރު އޭނާ މަސައްކަތް ކުރީ އީޕީއެސްގައެވެ. އީޕީއެސްގައި މަސައްކަތް ކުރުމަށްފަހު ދެން އޭނާ މަސައްކަތް ކުރީ އަމީނިއްޔާ ސުކޫލުގައެވެ. އަމީނިއްޔާގައި ގާތްގަނޑަކަށް ހަތަރުވަރަކަށް އަހަރު ވަޒީފާގައި އުޅުމަށްފަހު ދެން ބަދަލުވީ ސީއެޗްއެސްއީއަށެވެ.
ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ "ސަން"އަށް ވިދާޅުވީ އޭނާ ސުކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރު ވެސް ސުއޫދަކީ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ.
"ވަރަށް ހިނިތުންވެލާފަ ހަމަ ކޮންމެ ބޭފުޅަކާ ވެސް ވާހަކަފުޅު ދައްކަވާނީ. ދެން ވަރަށް މަޑުމައިތިރި. އަދި އެއްވެސް މީހަކަށް ނޭނގޭ އެއްޗެއް، މިސާލަކަށް ދީނީ ގޮތުން އެެއްޗެއް އޮޅުން ފިލުވައިލަން ބޭނުންވިޔަސް ހެކިތަކާއެކު ކިޔައިދެއްވާނެ" ސޮފޫރާ ވިދާޅުވިއެވެ.
ސޮފޫރާ ސިފަކުރެއްވި ގޮތުގައި މިއަދަކީ ސީއެޗްއެސްއީއަށް އަދި މުޅި ތައުލީމީ ދާއިރާއަށް ވެސް ކަޅު ދުވަހެކެވެ. ހިތާމަވެރި ދުވަހެކެވެ. ސަބަބަކީ އަބަދުގެ އަބަދަށް ގެއްލިގެން އެދިޔައީ އިލްމީ ދަރެސްތަކުން ފުރިފައިވާ އަގުހުރި މުދައްރިސަކަށް ވާތީއެވެ.
ދަރިވަރުން އިސްލާހު ކުރުމަށް އެއްވަނަ!
ސީއެޗްއެސްއީގެ ޕްރިންސިޕަލް ވިދާޅުވި ވާހަކަތަކުން އެއްކަމެއް ފާހަގަ ކުރެވުނެވެ. ދަރިވަރުންނާ ސުއޫދުއާ އޮންނަ ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއްކަމެވެ. ސުއޫދު މަސައްކަތް ކުރަނީ އަބަދުވެސް ދަރިވަރުންނާ ވަރަށް ގުޅިގެން ކަމެވެ.
ދަރިވަރުން ވެސް ސުއޫދަށް ވަރަށް އިހްތިރާމް ކުރާކަން އެނގުނެވެ. އެކަން ހާމަވި އެއްކަމަކީ ސުއޫދުގެ މަރާއެކު މިއަދު މުޅި މީސްމީޑިއާ ފުރި ބަރާވެފައިވާ ތައުޒިޔާގެ މެސެޖުތަކެވެ.
ސޮފޫރާ ވިދާޅުވީ އޭލެވެލް ކިޔަވަން އަންނައިރު ބައެއް ކުދިންގެ ވިސްނުން "ސްޕޮއިިލް" ވެފައި ހުންނަ ކަމަށެވެ. އެގޮތުން ބައެއް ފަހަރަށް ވިޔާނުދާ އުޅުން އުޅޭ ކުދިން ވެސް ސުކޫލަށް ވަންނަކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ދިރިއުޅުމުގައި ދިމާވާ ބައެއް ކަންކަމުގެ ސަބަބުން ދިރިއުޅުން މަތިން ފޫހިވެފައި ތިބޭ ކުދިން ވެސް އުޅޭ ކަމުގައި ވިދާޅުވިއެވެ.
"އެފަދަ ކުދިންނާ ވެސް ސުއޫދު ވާހަކަ ދައްކަވާނީ. އަދި އެކުދިންނަށް ދީނީ ގޮތުން ވެސް ނަސޭހަތް ދީ އެކުދިން ހަމަ މަގަށް އެޅުވުމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ. އަދި އަލުން އަނބުރާ ކިޔެވުމަށް ގެނެސް އެކުދިންނަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ވެސް ބާރު އަޅުއްވާނެ" ސޮފޫރާ ވިދާޅުވިއެވެ.
އިއްޔެ ވެސް ސުކޫލަށް ދިޔަ!
ތައުލީމީ ދާއިރާއަށް ވަރަށް ބޮޑަށް ލޯބިކުރާ ސުއޫދަކީ އަބަދުވެސް މަަސައްކަތަށް ވަރަށް ފަރުވާ ބަހައްޓާ މީހެކެވެ. އެގޮތުން ސޮފޫރާ ފާހަގަ ކުރެއްވި ގޮތުގައި ސުއޫދު ސަލާން ބުނުއްވާނީ ވެސް ވަރަށް މަދުންނެވެ. އޭނާއަކީ އަބަދުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ޓީޗަރެއްގެ ގޮތުގައި ސޮފޫރާ ސިފަކުރިއެވެ.
ސީއެޗްއެސްއީގެ އިސްލާމް ޑިޕާޓްމަންޓުގެ އެޗްއޯޑީ ޒުހައިރު ވިދާޅުވީ އިއްޔެ ވެސް ސުއޫދު ސުކޫލަށް ވަަޑައިގެންނެވި ކަމަށެވެ. އަދި މަަސައްކަތްތަކުގައި ވެސް ބުރަކޮށް އުޅުނު ކަމުގައި ޒުހައިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިއްޔެ ވެސް ބަލިވެ އުޅޭ ވާހަކަ ނުބުނާ ކަމަށާއި އަދި މަސައްކަތުން ވެސް ތަފާތު ކަމެއް ނުފެންނަ ކަމަށެވެ.
ފަހު ކުލާސް ނިންމާލީ މަޢާފަށް އެދެމުން!
ރޭގެ ވަގުތެއްގައި ސުއޫދު ވަނީ އޭނާގެ ދަރިވަރުންތަކަކަށް ކުލާހެއް ނަގައިދީފައެވެ. އިންސްޓިޓިއުޓެއްގައި އޮތް އެ ކުލާހުގައި ކިޔަވާ ދަރިވަރަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ ރޭގެ ކުލާހުގައި މާ ބޮޑު ތަފާތުކަމެއް ފާހަގަ ނުކުރެވޭ ކަމަށެވެ.
އެހެން ނަމަވެސް ރޭގެ ކުލާހުގައި އެހެން ރޭރެއަށްވުރެ ބޮޑަށް ހިނިތުންވެ ހުރެ ކުދިންނާ މާ ބޮޑަށް ވެސް ގުޅިގެން ކިޔަވައިދިން ކަމަށް އޭނާ ބުންޏެވެ. އަދި އަބަދުވެސް ހުރީ ވަރަށް ތާޒާކަމާއެކު ހިނިތުންވުމަކާއެކު ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
ކުލާސް ނިމެން ގާތްވެފައި ވަނިކޮށް ކޮންމެވެސް ކަމަކާ ސުއޫދުގެ ގާތުގައި ކުއްޖަކު ޝަކުވާ ކުރި ކަމަށާއި އަދި އެ ޝަކުވާ ކުރުމުން، ކުލާހުގެ ހުރިހާ ކުދިން ގާތުގައި އޭނާއަށް ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ މައާފު ކޮށްދިނުމަށް އެދުނު ކަމުގައި އޭނާ ކިޔައިދިނެވެ.
ކުއްލި މަރެއް، އާއިލާ ސިހުމެއްގައި!
ސުއޫދު ނިޔާވިއިރު ދުނިޔޭގައި އޭނާގެ އަނތްބަކާއި ތިން ދަރިން އެބަތިއްބެވެ. އަދި ސުއޫދުގެ ބައްޕަ ވެސް ދުނިޔޭގައި ހުރި އިރު ބައްޕަގެ އުމުރަކީ 83 އަހަރެވެ. ސުއޫދުގެ އެއްބަނޑުއެއްބަފާ ތިބީ ހަތް ކުދިންނެވެ. އެއީ ސުއޫދުއާއެކު ފަސް ފިރިހެން ކުދިންނެވެ. އަދި އަންހެން ދެ ކުދިންނެވެ. ސުއޫދު ފިޔަވާ އެެހެން ހުރިހާ ކުދިން ވެސް މިހާރު ދުނިޔޭގައި އެބަތިއްބެވެ.
ސުއޫދުގެ މަރަކީ ކުއްލި މަރެކެވެ. އުމުރުން 52 އަހަރުގައި ސުއޫދު ދުނިޔެ ދޫކޮށް އެދިޔައީ ބަލިވެ އުޅުމަށްފަހު އެއްވެސް ނޫނެވެ. ސުއޫދުގެ ކޮއްކޮ އިސްހާގު މުހައްމަދުފުޅު ކިޔައިދިން ގޮތުގައި ރޭގައި ސުއޫދު ފަތިސް ނަމާދުން ގެއަށް އައުމަށްފަހު ނިދަން އޮށޯތީ ހަތެއް ޖަހާކަށްހާއިރު ގޮވައިދިނުމަށް ބައްޕަ ގާތުގައި ބުނެފައެވެ.
" އެ ހިސާބުން ގޮވީ. ގޮވި އިރުގައި އަޅުގަނޑުމެންނަށް އިހުސާސްވެއްޖެ ގޭތެރެއިން ފުރާނަ ނެތް ކަން. ދެން އެހިސާބުން އަޅުގަނޑުމެން އައިޖީއެމްއެޗަށް ގެންދިޔައީ. ގެންދިޔައިރު ވެސް ނިޔާވެފައި އޮތީ،" އިސްހާގު ކިޔައިދިނެވެ.
ސުއޫދު ނިޔާވިއިރު އޭނާގެ ދެ ދަރީން ތިބީ ރާއްޖެއިން ބޭރުގައެވެ. އެގޮތުން އެންމެ ދޮށްޓަށް ހުންނަ ކުއްޖާ އިނގިރޭސިވިލާތުގައި މާސްޓާސް ޕްރޮގްރާމެއްގައި ކިޔަވަން ފުރީ މީގެ ދެހަފްތާ ކުރިންނެވެ. އަދި އޭގެ ހަގަށް ހުންނަ ދަރިފުޅު އުޅެނީ މެލޭޝިއާގައި އެކައުންޓިންއިން ޑިގްރީ ހަދާށެވެ. އެ ދެ ކުދިންނަށް ވެސް ސުއޫދުގެ މޫނު ދެކިލަން މާލެ އާދެވޭ ގޮތް ނުވި ކަމަށާއި ނަމަވެސް އެ ކުދިންގެ މަންމަގެ ގާތަށް ދެތިން ދުވަހެއް ތެރޭ އައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްހާގު ބުންޏެވެ.
ސުއޫދުގެ ތިން ކުދިންނަކީ ވެސް އަންހެން ކުދިންނަށްވާއިރު، އެންމެ ހަގު ކުއްޖާ މިހާރު ކިޔަވަނީ ސީއެޗްއެސްއީގައެވެ.
އިސްހާގު ބުނީ ސުއޫދުގެ މަރާއެކު މުޅި އާއިލާއަށް ވެސް ލިބިފައިވަނީ ކުއްލި ސިހުމެއް ކަމަށެވެ. އަދި އާއިލާގެ ހުރިހާ އެންމެން ވެސް ތިބީ ވަރަށް ހިތްދަތިކަމުގައި ކަމަށް އޭނާ ބުންޏެވެ.
ދަރިވަރުން ފުން ހިތާމައެއްގައި!
ސުއޫދުގެ ވަކިވުމާއެކު އޭނާގެ ދަރިވަރުން ތިބީ ފުން ހިތާމައެއްގައެވެ. އޭނާގެ ހަނދާންތައް އެ ދަރިވަރުންގެ ވަށާލައިފައިވާއިރު، ބައެއް ދަރިވަރުން ވަނީ އެ ހިތާމަތައް މީސްމީޑިއާގައި ވެސް ހިއްސާ ކޮށްފައެވެ.
ދެހާސްއެގާރަވަނަ އަހަރު ސީއެޗްއެސްއީގެ ކެޕްޓަން މުހައްމަދު ޖައިލަމް "ސަން"އަށް ބުނީ ސުއޫދަކީ އަބަދުވެސް ހިނިތުންވުމަކާއެކު އެންމެންނާ ވެސް "ފޭސް"ކުރާ ޓީޗަރެއް ކަމަށެވެ. އަދި ސުއޫދުގެ އެންމެ ބޮޑަށް ހަނދާންވާނެ ކަމަކީ ވެސް އޭނާގެ ހިނިތުންވުން ކަމުގައި ޖައިލަމް ފާހަގަ ކުރިއެވެ.
" ވަރަށް އަހުލާގު ރަނގަޅު، ހެޔޮ ވަރަށް އިލްމީ ބޭފުޅެއް އެއީ" ޖައިލަމް ބުންޏެވެ.
އިތުރަށް ޖައިލަމް ބުނީ އޭނާ މީގެ ދުވަސްކޮޅެއް ކުރިން އާއިލާ ކުއްޖަކަށް އެޑްމިޝަން ފޯމެއް ނަގަން ސީއެޗްއެސްއީއަށް ދިޔައިރު ސުއޫދުއާ ބައްދަލުވި ކަމަށެވެ. އަދި ދެކެފަރިތަ އެކުވެރިއެއް ފަދައިން ވާހަަކަ ދެއްކި ކަމަށާއި ކަމަކު ކިޔަން ގުޅަން ޖެހިދާނެ ކަމުގައި ބުނި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
"ވަގުތުން ފޯނު ނަންބަރު ވެސް ނަގާފަ. އޭރު ވެސް ސަރ ފޯނުގައި ނަންބަރު އޮތް އެކަމަކު ޔަގީންކޮށްލީ ނަންބަރު އޮތްތޯ. ދެން ބުނީ ކުޑަކަމަކު ކިޔާލަން ޖެހިދާނެޔޭ" ޖައިލަމް ކިޔައިދިނެވެ.
ޖައިލަމް ބުނީ އޭގެ ފަހުން ވެސް ސީއެޗްއެސްއީ ކައިރިން ސުއޫދުއާ ބައްދަލުވި ކަމަށެވެ. އަދި އެ ދުވަހު ވެސް ގުޅާނެ ކަމަށް ބުނި ކަމުގައި ޖައިލަމް ކިޔައިދިނެވެ.
"އަދި ގުޅާނަމޭ ކިޔާފަ ދިޔައީ. އުއްމީދު ކޮށްގެން ހުރީ ސަރ ގުޅާލާނެ ކަމަށް. ކުއްލި ސިހުމެއް ލިބުނީ ސަރގެ މަރުގެ ހަބަރު ލިބުނީމަ،" ޖައިލަމް ބުންޏެވެ.
ސީއެޗްއެސްއީގައި މިހާރު ތައުލީމު ހާސިލުކުރާ ދަރިވަރަކު "ސަން"އަށް ބުނީ ދެން ސުއޫދު [ސަރ] ސުކޫލު ތެރެއިން ނުފެންނާނެ ކަން ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ސުއޫދަކީ އަބަދުވެސް ވަރަށް ހެޔޮ ނަސޭހަތް ދޭ ޓީޗަރެއް ކަމަށާއި ނަސޭހަތްތައް ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމުގައި އޭނާ ބުންޏެވެ.
ސުއޫދުގެ ކުއްލި މަރާއެކު މުޅި ތައުލީމީ ދާއިރާ ވެސް ކަރުނައަޅާ ރޯއިރު، އޭނާގެ އާއިލާ ވަނީ ކުއްލި ސިހުމެއްގައެވެ. ބައްޕަގެ މޫނު ދެކިލާނެ ފުރުސަތު ނުލިބި ރާއްޖެއިން ބޭރުގައި ތިބި އޭނާގެ ދަރިން މަސައްކަތް ކުރަނީ މަންމަ ގާތަށް އާދެވޭނެ ދުވަހަކަށެވެ.
މުޅި ސީއެޗްއެސްއީ ވެސް ސުއޫދަށް ޓަަކައި ހިމޭން ވެފައިވާއިރު ތަނުގެ މުވައްޒަފުން ވަނީ މޮޅިވެފައެވެ. ލޯބިވާ ޓީޗަރު އަބަދުގެ އަބަދަށް ގެއްލުނީކަން ގަބޫލުކުރަން ވެސް ދަތިވެފައި ގިނަ ދަރިވަރުން މިއަދު ތިބީ ގަބުވެފައެވެ.
ސުއޫދުގެ ހަނދާންތައް މިދިޔަ 19 އަހަރު ސީއެޗްއެސްއީގައި ކިޔެވި ދަރިވަރުން އަބަދުމެ އާ ކުރާނެއެވެ. އަދި އޭނާއާއެކު ތައުލީމީ ދާއިރާގައި މަސައްކަތް ކުރި ހުރިހާ ބޭފުޅުން ސުއޫދުގެ ޒިކުރާ އާ ކުރާނެއެވެ.
"ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް
ތާ އަބަދު ދެމި ހުންނަނިވި ޒިކުރާއަކަށް ނިމުމެއް ނެތޭ"