އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން 2020 ވަނަ އަހަރަށް ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވީއިރުވެސް، އެ ބަޔާން ހުށަހަޅަން ޖެހޭ ގިނަ ފަރާތްތަކުން އެކަން ކޮށްފައިނުވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ބުނެފިއެވެ.
މީރާއިން ބުނީ 2020 އަހަރަށް ހުށަހަޅަން ޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ހުސްވި އޮގަސްޓް މަހުގެ 31ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ.
ފަރުދުންގެ ތެރެއިން ބަޔާން ހުށަހަޅައިފައިނުވާ ފަރާތްތަކުގެ ތެރޭގައި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭ ފަރާތްތަކާއި ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ލިބޭ ގިނަ ފަރާތްތައް ހިމެނޭ ކަމަށް މީރާއިން ފާހަގަކުރެއެވެ.
ފަރުދަކަށް އެއް ބާވަތަށް ވުރެ ގިނަ ބާވަތުގެ އާމްދަނީ ލިބިފައިވާނަމަ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ ލިބިފައިވާ ހުރިހައި އާމްދަނީއެއް ހިމެނޭ ގޮތުންނެވެ. އޭގެ ތެރޭގައި ފަރުދަކަށް ލިބިފައިވާ
- އުޖޫރަ
- ވިޔަފާރި އާމްދަނީ
- ކޮންސަލްޓެންސީ ނުވަތަ ޓެކްނިކަލް ސާވިސް ފީ
- ކޮމިޝަން
- ކުލި
- ހަދިޔާގެ ގޮތުގައި ލިބޭ އާމްދަނީ ނުވަތަ މުދަލެއް ތަސައްރުފު ކޮށްގެން ލިބޭ ފައިދާ ހިމެނޭ
އެހެން ނަމަވެސް އުޖޫރައިން ޓެކްސް ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް ފުރަތަމަ ދުވަހުން ކަމަށްވާތީ، 2020 ވަނަ އަހަރުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ހިމަނާނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން ލިބިފައިވާ އުޖޫރައިގެ ޖުމުލަ ކަމަށް މީރާއިން ބުނެއެވެ. އެގޮތަށް ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ އިސްތިސްނާ އާމްދަނީ ނުހިމަނައެވެ.
ފަރުދުންގެ ތެރެއިން 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭނީ 2020 ވަނަ އަހަރު އެ ފަރާތަށް ލިބިފައިވާ ޖުމުލަ އާމްދަނީ ދެ މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000 ރުފިޔާއަށް ވުރެ އިތުރުވާނަމައެވެ.
އެހެން ނަމަވެސް އެ ފަރާތަށް ލިބިފައިވާ ޖުމުލަ އާމްދަނީއަކީ ހަމައެކަނި އުޖޫރަ ދޭ އެންމެ ފަރާތަކުން ލިބިފައިވާ އާމްދަނީ ކަމަށްވާނަމަ ބަޔާން ހުށަހެޅުން ލާޒިމު ނޫން ކަމަށް މީރާއިން ބުނެއެވެ.
ޑީމްޑް ޕާޓްނަޝިޕްތަކުން 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނީ 2020 ވަނަ އަހަރު ލިބިފައިވާ ޖުމުލަ އާމްދަނީ ދެ މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000 ރުފިޔާއަށް ވުރެ އިތުރުވާނަމައެވެ. އެހެން ނަމަވެސް ކުންފުނި، ޕާޓްނަޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީސްތަކުން ލިބިފައިވާ އާމްދަނީއަށް ބެލުމެއް ނެތި 2020 އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭނެއެވެ.
މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭތޯ މިރާގެ ވެބްސައިޓުން ބަލައިލެވޭނެއެވެ.
އިންކަމް ޓެކުހަކީ ކުރިން ބީޕީޓީ ނިޒާމުގެ ދަށުން އަމަލުކުރަމުންދިޔަ ގޮތަށް، އަހަރަކަށް ދެ އިންޓެރިމް އަދި އެއް ފައިނަލް ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޓެކުހެކެވެ. އެގޮތުން ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ އެ ޓެކްސް އަހަރުގެ ޖުލައި 31 ވަނަ ދުވަހެވެ. އަދި ދެވަނަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ ޓެކްސް އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހެވެ.
އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ ޓެކްސް އަހަރުގެ ޖޫން 30އެވެ. ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތުގެ ސަބަބުން، މީރާއިން ވަނީ 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި 31 އޮގަސްޓު 2021 އަށް ފަސްކޮށްދީފައެވެ. އަދި މިއަހަރަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ފައިސާ ދެއްކުމުގެ ސުންގަޑި މި ހިނގާ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހަށް ވަނީ ފަސްކޮށްދީފައެވެ.
އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ފާއިތުވެފައިވީ ނަމަވެސް، ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވީހާވެސް އަވަހަށް ބަޔާން ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެއެވެ. އަދި ބަޔާން ފުރިހަމަކުރުމުގައި އެހިތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ އެހީތެރިކަން ހޯދުމަށް ވެސް އެ އޮތޯރިޓީން އެދިފައިވެއެވެ.
މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީ، ޓެކްސް އަދި ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމުގައިވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން ހަމަޖައްސައިދިން ލުއި ގޮތްތަކުގެ ތެރޭގައި ޓެކުހުގެ ޖޫރިމަނާ މައާފުކޮށްދިނުމާއި އިންސްޓޯލްމެންޓަށް ބަހާލައިގެން ޓެކްސް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުން ހިމެނެއެވެ.