މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ނަޖީބު ރައްޒާގު އަލުން ވަޑައިގަންނަވަނީ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު

ކުއާލަލަންޕޫރު (ސެޕްޓެމްބަރު 21) : މެލޭޝިއާގެ ވެރިކަމަށް އަލުން އެނބުރި އާދެވޭނެކަމަށާ އެކަމަށް މަސައްކަތް ކުރައްވާކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު އަބްދުއްރައްޒާގު ވިދާޅުވެއްޖެއެވެ.

ކުއާލަލަންޕޫރުގައި ދެއްވި ބަޔާނެއްގައި ނަޖީބު ވިދާޅުވީ އޭނާއަށް ތާއީދުކުރާ އެތަށް ބަޔަކު މެލޭޝިއާގައި އެބަތިބި ކަމަށާ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީކަމަށްވާ "ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން" (އަމްނޯ) އަކީ އަދިވެސް އެންމެ މެންބަރުން ގިނަ އަދި މެލޭޝިއާގެ އާންމުންގެ ތާއީދުވެސް އެންމެ ބޮޑު ޕާޓީކަމުގައެވެ.

މިއާއެކު ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މެލޭޝިއާގެ ވެރިކަމަށް އަލުން ވަޑައިގެންނެވިދާނެކަމަށް ނަޖީބު ވިދާޅުވިއެވެ. "އަމްނޯ" އަކީ މެލޭޝިއާގައި މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑުޕާޓީއެވެ. މިހާރުގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީ އަކީވެސް "އަމްނޯ" އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ނަޖީބުއާ ދެކޮޅަށް މެލޭޝިއާގެ ދައުލަތުން ކޮރަޕްޝަންގެ ދައުވާ އުފުލާފައިވީ ނަމަވެސް ހުކުމެއް ތަންފީޒު ކުރަމުން ނުގެންދާތީ ޕާލަމެންޓް މެންބަރަކަށް އިންތިޚާބުވެ ވަޑައިގެންފިނަމަ އަލުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ފުރުސަތު ނަޖީބަށް އޮންނާނެއެވެ. އެއީ މެލޭޝިއާއަކީ ބަރުލަމާނީ ނިޒާމަށް ވެރިކަންކުރާ ގައުމެއްކަމުން ބޮޑުވަޒީރު ކަމަށް ބޭފުޅަކު ހަމަޖައްސާނީ ވެރިކަންކުރާ ޕާޓީން ނުވަތަ ވެރިކަންކުރާ ކޯލިޝަނަކުން ކަމަށްވާތީއެވެ.

ނަޖީބުގެ މައްޗަށް ދައުވާކުރަނީ މެލޭޝިއާގެ ދައުލަތުގެ އިންވެސްޓްމެންޓް ފަންޑު "ވަން އެމްޑީބީ" ގެ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެންނެވެ. ނަޖީބުގެ މައްޗަށް ދައުވާތައް ކޮށްފައިވަނީ އަމާނާތައް ޚޔާނާތްތެރިވުމާއި މަނީ ލޯންޑަރިން އާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހަތް ތުހުމަތެއް ތަހުގީގަށް ސާބިތުވުމާ ގުޅިގެންނެވެ.

މިމައްސަލަތަކާބެހޭ ބައެއްކަންކަމުގައި މިދިޔަ އަހަރު މެލޭޝިއާގެ ކޯޓަކުންވަނީ ނަޖީބުގެ މައްޗަށް ޖަލު ހުކުމްތަކެއް އިއްވާފައެވެ. ނަމަވެސް އެ މައްސަލަތައް ބެއްލެވި ފަނޑިޔާރު ވަނީ ނަޖީބުގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދެއްވާފައެވެ. އެއީ އެހުކުމްތައް އިސްތިއުނާފަށް ހުށަހެޅުމުން ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ ބާރު ފަނޑިޔާރަށް އޮންނާތީއެވެ.

"ވަންއެމްޑީބީ" ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއިން ނަޖީބުގެ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކުރި މައްސަލަވަނީ ޝަރީއަތަށް ސާބިތުވެފައެވެ. "ވަން އެމްޑީބީ" ން ނަޖީބުގެ އެކައުންޓަށް ޖަމާކުރި ޖުމްލަ ފައިސާގެ އަދަދު 681 މިލިއަން ޑޮލަރަށް އަރާކަމަށް ވެއެވެ.

ނަމަވެސް ބޮޑުވަޒީރުކަމުގައި ނަޖީބު ހުންނެވި ދުވަސްވަރު އެ މައްސަލަ ބެލި މެލޭޝިއާގެ ކޯޓުންވަނީ އެއީ ސައޫދީ ޝާހީ އާއިލާ އިން ނަޖީބަށް ދިން ހަދިޔާއެއް ކަމަށް ނިންމާފައެވެ.

ނަޖީބުގެ ވެރިކަން 2018ގައި ވެއްޓުނުފަހުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާނީ ގާނޫނު މާނަކުރާ ގޮތެއްގެ ސަބަބުންކަމަށް ނަޖީބުގެ ވަކީލުން ދެކެއެވެ. ނަމަވެސް އިސްތިއުނާފަށް ފަހު ނަޖީބުގެ މައްޗަށް އަލުން ހުކުމެއް އައުމުގެ ފުރުސަތަކީ ނެތް ފުރުސަތެއް ނޫންކަން ވަކީލުންވެސް ދެކެވަޑައިގަންނަވައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް