ކުޑަހުވަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހި އާރްޑީސީއާ ހަވާލުކޮށްފި

ދ. ކުޑަހުވަދޫ -- ފޮޓޯ/ އެމްއާރްޑީސީ

ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ވަނީ އާރުޑީސީއާ އެކު ސޮއިކޮށްފައެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި އާރުޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އާރްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން އެވެ.

އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ.

ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި އަކީ 122 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު 450 ދުވަސް ތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއުގެ ދަށުން ކުޑަހުވަދޫގެ 5.85 ކިލޯމީޓަރުގެ މަަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމަށާއި މަގުބައްތި ހަރުކުރުމަށްވެސް ވަނީ މި މަޝްރޫއުގެ ދަށުން ހަމަޖެހިފައެވެ.

comment ކޮމެންޓް