ފުނަދޫގެ ކަރަންޓުގެ މައްސަލައަށް ހައްލުކުރަން އާ ޖަނަރޭޓަރެއް ގެންނަނީ

ށ. ފުނަދޫ --

ށ. ފުނަދޫގެ ކަރަންޓުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު "ސަންް"އަށް ވިދާޅުވީ އެ ރަށު ކަރަންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށްޓަކައި ތިލަފުށިން އާ ޖަނެރޭޓަރެއް ގެނައުމުގެ މަސަކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ޓަކައި ފުނަދޫ ކައުންސިލުން ތިބީ ހަރަދު ކުރަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި އަގެއް ނޭނގޭ، އަގު ލިބުނީމަ އަގާ ބެހޭގޮތުން އެއްބަސްވެ އެ ޖެނެރޭޓަރު ގެނެވޭނެ." އިބްރާހިމްފުޅު ވިދާޅުވިއެވެ.

ފުނަދޫގެ ކަރަންޓު ހިދުމަތަށް ބުރޫއެރީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އެއާއެކު ދުވާލުގެ ވަގުތުތަކުގައި ދޮޅު ގަޑިން ދޮޅު ގަޑިން ރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުނެވެ.

އެ މައްސަލަ ދިމާވީ އެ ރަށުގައި ކަރަންޓު ދިނުމަށް ބޭނުން ކުރާ 800 ކިލޯވޯޓުގެ ޖަނަރޭޓަރު މަރާމާތު ކުރުމަށްޓަކައި ބޭނުންކުރުން ހުއްޓާލާފައި ވަނިކޮށެވެ.

މައްސަލަ ދިމާވަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށާއި ރޭގަނޑު އަށެއްގެ ފަހުން ހުރިހާ ހިސާބަކަށްވެސް ކަރަންޓުގެ ހިދުމަތް ލިބޭ ކަމަށް ކައުންސިލުން ބުނެއެވެ.

މިހާރު ފުނަދުއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ 200 ކިލޯވޯޓު އަދި 500 ކިލޯވޯޓުގެ ދެ ޖަނަރޭޓަރުންނެވެ. އިބްރާހިމްފުޅު ވިދާޅުވީ އެ ދެ ޖަނަރޭޓަރުން ރަށުގެ ރައްޔިތުން އެއްފަހަރާ ބޭނުން ކުރެވޭ ވަރަށް ކަރަންޓު ފޯރުކޮށް ނުދެވޭ ކަމަށެވެ.

ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމުގެ ގޮތުން މިހާރު އެ ރަށުގެ އޮފީސްތަކުން ކަރަންޓު ކަނޑާލައި، މަގު ބައްތިވެސް ނުދިއްލާ ކަމަށް އިބްރާހިމްފުޅު ވިދާޅުވިއެވެ.

ކަރަންޓަށް ދިމާވި މައްސަލައާއެކު މިއަދު ފުނަދޫގެ ސްކޫލްވެސް ވަނީ ބަންދުކޮށްފައެވެ. މައްސަލައަށް ހައްލެއް ލިބިއްޖެނަމަ ސްކޫލުގެ ކިޔެވުން މާދަމާ ފެށޭނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި މިއަދު ކިޔެވުން ހޮނިހިރު ދުވަހު ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް