ސިވިލް ސާވަންޓުންގެ އިހުތިޖާޖު ކުރިއަށް، ގިނަ މުވައްޒަފުން މަސައްކަތުގައި ބައިވެރިނުވޭ!

ކަންބޮޑުވުންތައް ފާހަގަކޮށް، ސިވިލް ސާވަންޓުން ކުރިއަށްގެންދާ އިހުތިޖާޖު-- ފޮޓޯ/ފޭސްބުކް

ސިވިލް ސާވަންޓުންގެ މުސާރައާ މެދު ހުރި ކަންބޮޑުވުންތަކާއެކު ފެށި އިހުތިޖާޖު މިއަދުވެސް ކުރިއަށްދާ ކަމަށާއި، 70 ޕަސެންޓު އޮފީސްތަކުގެ މުވައްޒަފުން މަސައްކަތުގައި ބައިވެރި ނުވާ ކަމަށް ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން ބުނެފިއެވެ.

ސިވިލް ސާވަންޓުންގެ މުސާރައާއި އިނާޔަތްތަކަށް އެދެވޭ ބަދަލެއް ގެނެސްފައި ނުވާތީ އާއި މިނިމަމް ވޭޖު އަވަސްކޮށްދިނުމަށް ގޮވާލައި ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން އިއްޔެ ވަނީ ހިމޭން އިހުތިޖާޖަކަށް ނުކުމެފައެވެ.

އެ އިހުތިޖާޖު ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަން (ޑީސީއެސްއޭ)އިން އިއްޔެ ބުނީ ކަންބޮޑުވުންތަކަށް ޖަވާބެއް ނުދީފިނަމަ މިއަދުން ފަށައިގެން މަސައްކަތް ހުއްޓާލާނެ ކަމަށެވެ.

އެކަމާ ގުޅިގެން މިއަދު ނެޝަނަލް ޕޭ ކޮމިޝަނުން ބުނީ އަލަށް އެކުލަވާލެވޭ މުސާރައިގެ އޮނިގަނޑާއެކު ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވޭނެ ކަމަށެވެ. އަދި މިނިމަމް ވޭޖެއް ކަނޑައެޅުމަށްފަހު މިއަހަރުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށާއި އެއާއެކު ސިވިލް ސާވިސް އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ބުންޏެވެ.

އެ ޖަމިއްޔާއިން މިއަދު "ސަން"އަށް މައުލޫމާތު ދެމުން ބުނީ ޕޭ ކޮމިޝަނުން ދިން ޖަވާބު ބަލައިނުގަނެވޭ ކަމަށެވެ. އަދި އެ ޖަވާބާ މެދު ހިތްހަމަ ނުޖެހޭތީ 70 ޕަސެންޓު އޮފީސްތަކުގެ މުވައްޒަފުން މިއަދު މަސައްކަތުގައި ބައިވެރިނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

"ގަވާއިދުގައި އަންގާފައިވާ ގޮތަށް އޮފީހަށް މުވައްޒަފުން ރިޕޯޓު ކުރުމަށްފަހު މަސައްކަތުގައި ބައިވެރި ނުވާ ގޮތަށް ކުރިއަށްދަނީ. އެންމެ ބޮޑަށް ކައުންސިލް މެމްބަރުންނާއި ޒިންމާދާރު ވެރިންނަށް ދެއްތޯ ހާލު އެނގޭނީ. އެހެންވީމަ އެ ބޭފުޅުުން މުވައްޒަފުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާ،" އެ ޖަމިއްޔާއިން ބުންޏެވެ.

މިއަހަރުގެ ތެރޭގައި މިނިމަމް ވޭޖެއް ކަނޑައަޅައި، އިއުލާނު ކުރާނެ ކަމަށް ޕޭ ކޮމިޝަނުން ބުނެފައިވާއިރު، ސިވިލް ސާވަންޓް އެސޯސިއޭޝަނުން ބުނީ އެއީ އަސާސީ މުސާރަ ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

"މިނިމަމް ވޭޖަކީ އަސާސީ މުސާރަ ކަމުގައި ވެސް ވާން އެބަ ޖެހޭ. އެލަވަންސްތަކާއެކު މިނިމަމް ވޭޖު ކަނޑައެޅިގެން ނުވާނެ،" އެ ޖަމިއްޔާއިން ބުންޏެވެ.

ސިވިލް ސާވަންޓުން އެދޭ މައިގަނޑު އަށް ކަމެއް ޑީސީއެސްއޭއިން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މިނިމަމް ވޭޖު ވީހާވެސް އަވަހަށް ކަނޑައެޅުން
  • ސިޔާސީ މަގާމުތަކާއި ޖުޑީޝަރީ މުވައްޒަފުންނާއި އެއްފަދައިން ސިވިލް ސާވަންޓުންނަށް ލިވިން އެލަވަންސް ދިނުން
  • ފައިސާގެ މަސައްކަތްތައް ކުރާ މުވައްޒަފުންނަށް ރިސްކް އެލަވަންސް ހަމަޖައްސައިދިނުން
  • ހުރިހާ މަގާމުތަކަށް ސެޓްފިކެޓް ކުރިއެރުން ލިބޭ ގޮތް ހަމަޖެއްސުން
  • ވަކި ހާއްސަ އޮނިގަނޑެއްގައި ނުހިމެނޭ އެސްއެސް އެކަކާއި އެމްއެސް އެކަކާ ދޭތެރޭގެ މަގާމުތަކަށް މުސާރަ ބޮޑުކުރުން
  • މެދުކެނޑުމެއް ނެތި ކޮންމެ އަހަރެއްގައިވެސް ބޯނަސް ލިބޭ ގޮތް ހަމަޖެއްސުން
  • 85 ޕަސެންޓުން މަތީ މާކްސް ލިބޭ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން
  • މުވައްޒަފުންގެ އިތުރު ގަޑީގެ އެލަވަންސް ލިމިޓު ނުކުރުން

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމައި، މުސާރަ ބޮޑުކުރުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް