ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމުމަށް ގޮވާލައި، މަޖިލީހަށް ކުއްލި މައްސަލައެއް

ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް -- ފޮޓޯ/ މަޖިލިސް

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމައި، މުސާރަ ބޮޑުކުރުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ތަޅުމަށް ހުށަހަޅާފައިވަނީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ހަލީމް ވިދާޅުވީ ދިވެހިރާއްޖެ ހިންގުމުގައި އަބަދުވެސް އެންމެ އިސް ދައުރެއް އަދާ ކުރަމުން އަންނަ އެއް ބަޔަކީ ދިވެހި ސިވިލް މުވައްޒަފުން ކަމަށެވެ.

"އެ މުވައްޒަފުންނަށް ލިބެމުންދާ އުޖޫރައަކީ އެ މުވައްޒަފުން ހުއްޓުމެއްނެތި ދެމުން ގެންދާ ހިދުމަތަށް ބަލާއިރު އެކަށީގެންވާ އުޖޫރައެއް ނޫން ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަބަދުވެސް ދެކޭ," ހަލީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި ވަނީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމައި، މުސާރަ ވީ އެންމެ އަވަހަކަށް ބޮޑުކުރުމަށް ސަރުކާރަށް ގޮވާލައިފައިއެވެ.

އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 30 މެންބަރުންގެ ވޯޓުގެ އިއްތިފާގުންނެވެ.

comment ކޮމެންޓް