ޓެރަރިސްޓު އަމީން މާލެއިން ފުރުން މަނާކޮށް މޮނިކޮން އަމުރެއް ނެރެފި

ޓެރަރިޒަމް ގެ ދައުވާ އުފުލާފައިވާ މުހައްމަދު އަމީން ---

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ހައިކޯޓުން ނެރެފިއެވެ.

އޭނާގެ މައްޗަށް ނެރިފައިވާ މޮނިކޮން އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާއަށް ރޭގަނޑު ހަޔަކުން ހެނދުނު ހަޔަކަށް ގެއިން ބޭރަށް ނުކުތުން މަނާވާނެއެވެ. އަދި އެ އަމުރުގައި ވާ ގޮތުން އޭނާއަށް ފުލުހުންގެ ހުއްދަނެތި މާލެއިން ބޭރަކަށް ނުދެވޭނެއެވެ.

މޮނިކޮން އަމުރަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުން 'މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށް' ކޯޓުން ނެރޭ އަމުރެކެވެ.

މިމަހުގެ 16ވަނަ ދުވަހު ހައިކޯޓުން ވަނީ އަމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބާތިލުކޮށްފައެވެ. އޭނާގެ މައްޗަށް އުފުލީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބާތިލުކޮށްފައިވަނީ ދައުވާކުރަން ކަނޑައެޅި މުއްދަތުގައި ދައުވާ ނުކުރެވުމުގެ ސަަބަބުންނެވެ.

ހަމަ އެ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ސްޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

އަމީންގެ އިސްތިއުނާފުގެ މައްސަލަ ބިނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްދީފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކޭތީއާއި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ތަޙުޤީޤު ކުރުމާއި ދަޢުވާކުރުމުގެ ޚާއްޞަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ ހައި ކޯޓުގެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ ޚާއްޞަ މުއްދަތުތަކެއް ޤާނުނުގައި ކަނޑައެޅުމުގެ މަޤްޞަދު ގެއްލިދާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. މައްސަލާގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފަ އެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީ އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފައެވެ. އޭނާއަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން އޭނާއަށް ތުހުމަތު ކުރެ އެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ.

comment ކޮމެންޓް