ފިޔަވަތި މައްސަލަ: މީޑިއާގެ މައްސަލަ ބަލަން އެމްއެމްސީ އަށް ފޮނުވަނީ

ފިޔަވަތީގައި ތިބި ކުދިން އެތަނުގެ ފުރާޅު މަތީގައި ---

ފިޔަވަތީގެ މައްސަލައިގައި ނޫސްވެރިން އަމަލު ކޮށްފައިވާ ގޮތުން އެ މައްސަލަ ބަލައި ދިނުމަށް އެދި މޯލްޑިވްސް މީޑީއާ ކައުންސިލަށް ފޮނުވަން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުންނާއި އެޗްއާރްސީއެމް އިން އެކުލަވާލާފައިވާ ކުއްލި ރިފޯޓު ވަނީ ދިރާސާ ކޮށްފައެވެ.

އެ ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު ފިޔަވަތީގައި ހިނގާ ދިޔަ ހަމަނުޖެހުމުގެ ތެރޭގައި ބައެއް މީޑިއާ ތަކުން އަމަލު ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

"ބައެއް ނޫސްވެރިން މި ހިނގައިދިޔަ ހާދިސާގެ މަންޒަރުތަކާއި ވީޑިއޯތަކާއި ފޮޓޯތައް އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓް ތަކުގައިވެސް ހިއްސާ ކޮށްފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފަ އެބަ އޮތް. އެހެންވީމަ އަޅުގަނޑު ހުށައަޅަން މީޑިއާ ކައުންސިލަށް މި މައްސަލަ ބަލައިދިނުމަށް އެދި މި ކޮމިޓީން ހުށަހެޅުމަށް،" މުމްތާޒު ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ހަމަނުޖެހުން ހިނގަމުން ދިޔަ ވަގުތު މާލޭ ސިޓީ ކައުންސިލްގެ މެންބަރެއް ފިޔަވައްޗަށް ވަޑައިގެން، ކުދިންނާ މުއާމަލާތްކޮށް، ފިޔަވަތީގެ ތެރެއަށް އިތުރު މީހުން ވެއްދުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް މުމްތާޒު ވިދާޅުވިއެވެ.

އެހެންކަމުން އެ ކައުންސިލަރުގެ މައްސަލަ ބަލައި ދިނުމަށް އެދި އެލްޖީއޭ އަށް ފޮނުވުމަށްވެސް މުމްތާޒު އެދިލެއްވިއެވެ.

މެންބަރު މުމްތާޒުގެ އެ ދެ ހުށަހެޅުންވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރު ފިޔަވަތީގައި ހަމަނުޖެހުން ހިނގަމުން ދިޔަ ވަގުތު މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެ ސަރަހައްދަށް ވަޑައިގެން، އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.

comment ކޮމެންޓް