މުސާރައިގެ އޮނިގަނޑު އެކުލަވާލުމުގެ ބޮޑުބައި ނިމިއްޖެ: ޕޭ ކޮމިޝަން

ސިވިލް ސާވިސް މުވައްޒަފުން ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން--- ފޮޓޯ / ސީއެސްއޭ

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް ނެޝަނަލް ޕޭ ކޮމިޝަންގެ ނައިބު ރައީސް މަރްޔަމް ނިޔާފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތަކާއެކު މުވައްޒަފުން ކުރާ އިހުތިޖާޖާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިޔާފް ވިދާޅުވީ މުސާރައިގެ އޮނިގަނޑު ކަނޑައެޅުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.

ނިޔާފް ވިދާޅުވީ މިހާރު އެ މަސައްކަތުގެ ބޮޑުބައި ނިމި، ކުރަމުންގެންދަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ ކޮންމެ މަގާމަކަށް ވެސް ވަކި ވަކިން އޮނިގަނޑެއް އެކުލަވާލައިގެން. ގާތްގަނޑަކަށް ހުރިހާ މަގާމެއް ވެސް ވަނީ އެކުލަވާލެވިފަ މިހާރު،" ނިޔާފް ވިދާޅުވިއެވެ.

ނިޔާފް ވިދާޅުވީ މިހާރު ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތަކީ ވަކިވަކި ދާއިރާތަކަށް އޮނިގަނޑު ފޮނުވައިގެން، ފައިނަލްކުރުން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތްތައް މި އަހަރުގެ ނިޔަލަށް ނިންމާލަން،" ނިޔާފް ވިދާޅުވިއެވެ.

ޕޭ ކޮމިޝަނުން އޮނިގަނޑު ނިންމުމުން، އެކަން ތަންފީޒުކުރާނީ ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުންނެވެ.

comment ކޮމެންޓް