އައްޑޫ ސިޓީގެ ހުރިހާ ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭން ފަށައިފި

އައްޑޫ ސިޓީ. (ފޮޓޯ/ފޭސްބުކް)

އައްޑޫ ސިޓީގެ ހުރިހާ ސްކޫލެއްގައި ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައިދޭން ފަށައިފިއެވެ.

އައްޑޫ ސިޓީގެ ސްކޫލްތަކަށް ކުދިން ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސް، ކާފިއު ހިންގަން ފެށުމުންނެވެ.

ސްކޫލުތަކުގެ ކިޔެވުން މަޑުޖެހިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަމުންދާތީ އާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް އިތުރުވަމުން ދިއުމުގެ ސަބަބުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކެއްގެ މަތިން ސްކޫލުތަކުގެ ކިޔެވުން އަލުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ހުއްދަ ދީފައެވެ.

އައްޑޫ ސިޓީގެ ކައުންސިލުން ނެރުނު އިއުލާނުގައި ވާ ގޮތުން އައްޑޫގެ ޓާސްކް ފޯސް ކޮމެޓީއިން ވަނީ މިވަގުތު އައްޑޫ އޮތް ހާލަތު ރިވިއު ކޮށްފައެވެ.

ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކާ އެކު ކިޔެވުން ފެށި ނަމަވެސް އައްޑޫ ސިޓީގައި ހިންގާ ކާފިއު އަނެއްކާވެސް ހަފުތާއަކަށް ވަނީ އިތުރު ކޮށްފައެވެ.

އައްޑޫ ސިޓީން އިއްޔެ ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިހާރު ބަލިޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 224އަށް އަރައިފައިއެވެ.

comment ކޮމެންޓް