ފެންނަ ކަންކަމުން ދޭހަވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އަޅާނުލެވޭކަން: އާކް

ސެޕްޓެމްބަރު 17، 2021: ފިޔަވީތީގައި ތިބޭ ކުދިންތަކެއް ތަނުގެ ފުރާޅަށް އަރާ ހަމަނުޖެހުން ހިންގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ފަރާތުން މިހާރު ފެންނަ މަންޒަރުތަކުން ދޭހަވަނީ އެ ކުދިންނަށް އެކަށީގެންވާ ގޮތެއްގައި އަޅާނުލެވޭކަން ކަމަށް ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކާރާ ޖަމިއްޔާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)އިން ބުނެފިއެވެ.

ފިޔަވަތީގައި އިއްޔެ ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅޭގޮތުން އާކްއިން ނެރުނު ބަޔާނުގައި ވަނީ ކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން އެ ކުދިންގެ ހައްގުތަކާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަށް ކަށަވަރުކޮށްދިނުމަށް ދައުލަތަށް ގޮވާލާފައެވެ.

"މިފަދަ ހާދިސާތައް ހިނގުމުން ދޭހަކޮށްދެނީ އެ ކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބެމުންނުދާ ކަން. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން 13 އަހަރުން ދަށުގެ ކުދިން ދިރިއުޅޭ ފިޔަވަތި މަރުކަޒުގައި ހިނގަމުންދާ ކަންތައްތަކާ މެދު އާކް އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަން." އާކްގެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން އާކްއިން ބުނީ ފާއިތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ކުދިންނާ މެދު ނޭދެވޭ ގޮތް ގޮތަށް އަމަލުކުރަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުން ގޮސްފައިވާ ކަމަށެވެ.

އެ ރިޕޯޓުތައް ލިބެމުން ދަނިކޮށް އިިއްޔެ ފިޔަވަތީގައި ކުދިން ބަލަހައްޓާނެ އެއްވެސް ފަރާތެއް ނެތި ކުދިން ފުރާޅު މައްޗަށް އެރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި އެ ކުދިންނާމެދު ބަލައި ނުގަނެވޭ ފަދަ ގޮތަކަށް އަމަލުކުރާ ކަމަށް ބުނެ އެ ކުދިން ދެއްކި ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އާކްއިން ބުނީ ކުޑަކުދިންނާމެދު ހިންގާ ނޭދެވޭ އަމަލުތަކަކީ އަވަސް ފިޔަވަޅެއް އަޅަން ޖެހޭ ކަންކަން ކަމަށެވެ.

"މިފަދަ ހާދިސާތައް ތަކުރާރުކޮށް ހިނގަމުންދާތީ އެކަން ހުއްޓުވައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ޓަކައި މިފަދަ ކަންކަން ފުރިހަމައަށް ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ވެސް ގޮވާލަން." އާކްއިން ބުންޏެވެ.

https://sun.mv/157013

އެެއާއެކު އިއްޔެ ފިޔަވަތީގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފިޔަވަތީގެ ކަންކަން ގާތުން ބަލަމުން އަންނަަ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ބުނެފައެވެ.

އެ އޮފީހުން ނެރުނު ނޫސްބަޔާނެއްގަައި ބުނީ އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީން އެ އޮފީހަށް މަތިކޮށްފައިވާ ކަމެއް ކަމަަށް ވެސް އެ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް