ތުއްތު ދަރިދުޅުގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން "ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ"ގެ ނަމުގައި ފޮތެއް މިއަދު ނެރެފިއެވެ.
މި ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހެލްތު މިނިސްޓަރު ޑރ. ޢަބުދުﷲ ޚަލީލްއެވެ. މި ރަސްމިއްޔާތުގައި ޔުނިސެފް އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވް, އިސީ ފޭންގޯލްޑްގެ އިތުރުން ކަމާގުޅުންހުރި ބައެއް ވުޒާރާތަކާއި ސިއްޙީ ޚިދުމަތްތެރިންނާއި އަމިއްލަ ޖަމިއްޔާތަކުގެ ބޭފުޅުންނާއި އަދިވެސް ގުޅުންހުރި އެހެނިހެން އިދާރާތަކުގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ފޮތަކީ އެޗްޕީއޭ އާއި ޔުނިސެފް ގުޅިގެން އެކުލަވާލެވިފައިވާ "ސޯޝަލް އެންޑް ބިހޭވިއާ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" ގެ ދަށުން ކޮށްފައިވާ މުހިއްމު މަސައްކަތެކެވެ. މިފޮތް ތައްޔާރު ކޮށްފައި ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ޔުނިސެފް އަދި އެޑްވަކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި ގުޅިގެންނެވެ.
ކުޑަކުދިންގެ ނިއުޓްރިޝަން ރަނގަޅުކޮށް، ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކުރުމަށްޓަކާ މި ފޮތް އަމާޒުކޮށްފައި ވަނީ ކުއްޖާގެ ފުރަތަމަ 1000 ދުވަހަށެވެ.
މިފޮތުގެ އީ-ބުކް ވާޝަން މިއަދުން ފެށިގެން ހެލްތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ކުޑަދަރިފުޅަށް ހަމަސް ފުރުމުން ދަރިފުޅަށް ދޭނެ ފައިދާ ހުރި ކާނާ ފަށާނެ ގޮތާއި ފައިދާ ހުރި ތަފާތު ކާނާ އިހުތިޔާރު ކުރާނެ ގޮތުގެ އިތުރުން ކެއިން ބުއިމުގެ އާދަކާދަތައް ބައްޓަން ކުރާނެ ގޮތުގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި ފޮޮތުގެ ރެސިޕީތައް އަމާޒު ކޮށްފައިވަނީ ހަ މަހާ 23 މަހާ ދެމެދުގެ ކުދިންނަށެވެ. އަދި ޖުމްލަ 30 ރެސިޕީއެއް މި ފޮތުގައި ހިމެނިފައި ވާނެ ކަމަށާއި އަލަށް ކާންދޭން ފަށާއިރު ބަލަންވީ ކަންކަމާ މުހިންމު މައުލޫމާތު ވަނީ ހިމަނާފައެވެ. އޭގެތެރޭގައި:
* އަލަށް ކާންދޭ ފަށާއިރު ބަލަންވީ ކަންކަން.
* ތަފާތު ކާނާގެ ބާވަތްތަކާއި ލިބޭ ފައިދާ އަދި ކާންދިނުމުގައި އިތުރަށް ސަމާލުވާންވީ ކަންކަން.
* ކާނާ ރައްކާތެރި ކަމާއެކު ތައްޔާރުކޮށް ރައްކާ ކުރުން.
* ދަރިފުޅު ނުކާން އުޅުން ނުވަތަ ވަކި ކަހަލަ ކާނާ އެއް ނުކާން އުޅޭނަމަ ހަދާނެ ގޮތާއި ބަލިވެ އުޅޭ ދުވަސްވަރު ކާންދޭނެގޮތް.