ތަނުގެ ހާލަތު ގޯސްވުމާ ގުޅިގެން ނައިބު ރައީސް ފިޔަވައްޗަށް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް ފިޔަވަށްޗަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުގެ ބެލުމުގައި ތިބޭ ކުދިން ބޭތިއްބުމަށް ހުޅުމާލޭގައި ހުންނަ މަރުކަޒު، ފިޔަވަތީގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ތަނުގެ ހާލަތު ބެއްލެވުމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމް އެ ތަނަށް ޒިޔާރަތްކުރައްވައިފިއެވެ.

ނައިބު ރައީސް ފިޔަވަށްޗަށް ޒިޔާރަތްކުރެއްވީ ފާއިތުވި ތިން ދުވަހު ވެސް އެތަނުގެ ހާލަތު ގޯސްވަމުން ގޮސް ފިޔަވަތީގައި ކުދިން ހަމަނުޖެހުން ހިންގާ އެކަން ވަރަށް ބޮޑަށް ފެންމަތިވުމާއެކުއެވެ.

މި ޒިޔާރަތުގައި ނައިބު ރައީސް ވަނީ އެތަނުގައި ތިބޭ ކުދިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެކުދިންގެ ކަންބޮޑުވުންތައް ނައިބު ރައީސް އޮޅުންފިލުއްވިއެވެ.

މިއަދު ނައިބު ރައީސް ކުރެއްވި މި ޒިޔާރަތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

‎ފިޔަވަތީގައި ތިބޭ ބައެއް ކުދިން ރޭ، އެތަނުގެ ފުރާޅު މައްޗަށް އަރައި، އަލިފާން ރޯކޮށްލަން އުޅޭ ކަމުގެ ރިޕޯޓުތަކެއް ލިބިގެން ފުލުހުން ވަނީ ފިޔަވަތި ކައިރީގައި ހަރަކާތްތެރިވެފައެވެ.

ފިޔަވަތީގެ މައްސަލަ ހޫނުވެފައިވަނިކޮށް، އެތަނުގައި ދިރިއުޅޭ ކުއްޖެއްގެ މަންމަ ކަމަށް ބުނެ، އަންހެނަކު ރޭ ވަނީ ފިޔަވައްޗަށް ވަންނަން މަސައްކަތް ވެސް ކޮށްފައެވެ.

އެއާއެކު ޖެންޑާ މިނިސްޓްރީގެ ޓީމަކާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްގެ ޓީމަކުން ދަނީ އެ ހަމަނުޖެހުންތަކާ ގުޅިގެން އިތުރަށް ކަންކަން ތަހުގީގުކުރަމުންނެވެެ.

comment ކޮމެންޓް