ޑްރޯން ހަމަލާއެއްގައި ހަތް ކުދިން ހިމެނޭހެން 10 އާންމުން މަރުވުމުން އެމެރިކާއިން މާފަށް އެދިއްޖެ

އަފްގާނިސްތާނަށް ދިން ޑްރޯން ހަމަލައެއްގައި ގެއްލުންވެފައި -- ފޮޓޯ/ އަލްޖަޒީރާ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް މިދިޔަ މަހުގެ ފަހުކޮޅު ދިން ޑްރޯން ހަމަލާއެއްގައި އެ ގައުމުގެ އާންމުންގެ 10 މީހަކު މަރުވުމުން އެމެރިކާ ސިފައިން އެކަމަށް މާފަށް އެދިއްޖެއެވެ.

އެމެރިކާއިން މިދަޔަ މަހުގެ ފަހުކޮޅު ދިން އެ ހަމަލާ އަމާޒު ކުރީ އަފްޣާނިސްތާނުގެ ޚޮރާސަން ޕްރޮވިންސްގައި ހަރަކާތްތެރިވާ އައިއެސް ހަނގުރާމަވެރިއަކަަށެވެ.

ނަމަވެސް އެ ހަމަލާގައި އަފްޣާނިސްތާނުގެ އާންމުންގެ 10 މީހަކު ވެސް ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހަތް ކުޑަކުދިން ވެސް ވަނީ މަރުވެފައެވެ.

މި ހަމަލާއާ ގުޅިގެން އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑްގެ އެންމެ އިސްވެރިޔާ ޖެނެރަލް ފްރޭންކް މެކެންޒީ ވިދާޅުވީ އެ ހަމަލާގައި މަރުވި މީހުން އައިސިސްއާ ގުޅިފައިވާކަމަށް އެއްވެސް މިންވަރަކަށް ނުބެލެވޭކަމަށެވެ.

"އަޅުގަނޑުމެންގެ ހޯދުންތަކަށް ވަރަށް ރަނގަޅަށް ބެލުމަށްފަހު އަޅުގަނޑަން ޔަގީންވެފައިވަނީ މި ހަމަލާގައި ވަރަށް ދެރަކޮށް އެ ގައުމުގެ އާންމުންގެ 10 މީހަކު މަރުވެފައިވާކަން. އޭގެތެރޭގައި ހަތް ކުޑަކުދިން ވެސް ހިމެނޭ،" މެކެންޒީ ވިދާޅުވިއެވެ.

އެއާއެކު އޭނާ ވަނީ ހަމަލާގައި މަރުވި 10 މީހުންގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. އަދި އެ ހަމަލާ ދިނީ އާންމުންގެ އެއްވެސް މީހަކަށް ގެއްލުމެއް ދިނުމުގެ ނިޔަތެއް އޮވެގެން ނޫންކަަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް. އަޅުގަނޑު އެކަމަށްޓަކައި މާފަށް އެދެން،" އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ވެރިކަން ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް ދިޔުމާއެކު އެ ގައުމުގެ ހާލަތު އަންނަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. އަދި މިދިޔަ މަހު އެމެރިކާއިން ވަނީ އެ ގައުމުގައި ތިބި އެ އެެމެރިކާގެ ސިފައިން ވެސް އަފްޣާނިސްތާނުން ބާލާފައެވެ.

comment ކޮމެންޓް