ތި އުޅެވެނީ ރަނގަޅު ބައިވެރިޔާ އާ އެއްކޮށްކަން ދެނެގަންނާނީ ކިހިނެއް؟

ހަޔާތުގެ ބައިވެރިޔާ އަކީ ދާއިމީ ބައިވެރިޔާ އަކަށް ހެދުން މުހިއްމު---

ގުޅުމެއް ދާއިމީ ގޮތެއްގައި ދެމެހެއްޓުމަށް ދެފަރާތުން ވެސް ގަދަ އަޅާ މަސައްކަތް ކުރަންޖެހެއެވެ. ދެ މީހަކު ގުޅެނީ ވަރަށް ލޯބިންނެވެ. ނަމަވެސް މި ކިޔާ "ފްރީ ޓްރައިލް" (ތިން މަސް) ވުމުން ބައިވެރިޔާގެ އަސްލު އަނެކާ އަށް މަޑުމަޑުން ފެންނަން ފަށައެވެ. އެ ކަންތައްތައް އަނެކާ ކިތަންމެ ހިތްހަމަނުޖެހުނު ނަމަވެސް އެކަންތައްތައް ރަނގަޅުކުރަން ބައިވެރިޔާ ގާތު ބުނެ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮށްގެން ގުޅުން ދެމެހެއްޓެނީ މަދު ބަޔަކަށެވެ. މި ލިޔުމުގައި ބަލައިލާނީ ތިމާގެ ހަޔާތުގެ މިހާރުގެ ބައިވެރިޔާ އަކީ އެންމެ ރަނގަޅު މީހާކަމަށް ދެނެގަނެވޭނެ ބައެއް ގޮތްތަކަށެވެ.

1. ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާނެ

ރަނގަޅު ހެޔޮލަފާ ބައިވެރިއެއް ނަމަ ކިތަންމެ ފޫހި ވާހަކަ އެއް ދެއްކިޔަސް ކަނުލާ އަޑުއަހަން އިންނާނެއެވެ. ވަޒީފާގެ މާހައުލުގައި ދިމާވާ ކަންތައްތަކުގެ ވާހަކަ ބައިވެރިޔާ އަށް ކިޔައިދޭއިރު ވެސް އަނެކާ އެ ވާހަކައަށް ކަނުލާ އަޑުއަހަން އިނުމަކީ ދެމީހެއްގެ ގުޅުން ވަރުގަދަވާނެ ކަމެއްކަމަށް ޑޭޓިން އެކްސްޕާޓް މޮއިލް ބުނެއެވެ. ދެފަރާތުން ދައްކާ ވާހަކަތަކަކީ ވެސް މުހިއްމު ވާހަކަތަކެއްކަން ދެނެގަނެގެން ގުޅުމެއް ކުރިއަށް ގެންދިޔުމުން ދޭހަކޮށްދެނީ އެމީހާ އަކީ އަނެކާގެ ހަޔާތުގައި ކިހާ މުހިއްމު މީހެއް ކަމެވެ.

2. ބުނަން ބޭނުންވާ ވާހަކައެއް ޖެހިލުމެއް ނެތި ބުނުން.

ތިމާ ތިއުޅެނީ ރަނގަޅު ބައިވެރިޔަކާ އެއްކޮށްކަން ދެނެގަތުމަށް ބޭނުންވާ އެންމެ މުހިއްމު ކަމަކީ ދެކެވޭ ވާހަކަތައް އެއްވެސް ހުރަހަކާ ނުލައި ދެކެވުމެވެ. ވާހަކައެއް ބުނަން ބޭނުންވެފައި ހުރެ އޭނާ ރުޅި އައިސްދާނެތީ ނުވަތަ ހިތްހަމަނުޖެހިދާނެތީ ނުބުނެ ހުރުން އެއީ ރަނގަޅު ގޮތެއް ނޫނެވެ. ޑޭޓިން އެކްސްޕާޓް ޕްރީސް ބުނާގޮތުގައި ހަޔާތުގެ ބައިވެރިޔާ އަކީ ތިމާ އަށް އެންމެ އެކަށޭނެ މީހާ ނަމަ އަނެކާ އަށް ޖަޖް ކުރުމެއް ނޯންނާނެއެވެ.

3. ހިތްއުފާކޮށްދޭން ކުދި ކުދި ކަންތައްތައް ކޮށްދިނުން.

މިބުނަނީ ބޮޑު ރުފިޔާގަނޑެއް އަނެކާ އަށް ހޭދަކޮށްލުމެއް ނޫނެވެ. ކޮށްލާ ކުޑަ ކަމަކުން ނުވަތަ ބުނެލާ ކޮންމެ ބަހަކުން ވެސް އަނެކާގެ ހިތަށް ހަމަޖެހުން ލިއްބައިދޭނެއެވެ. ބިޒީ ދުވަހެއް ނިންމާލާފައި ގެއަށް އަންނައިރު ބައިވެރިޔާ ކައްކާލާފައި ކާން ހަދާފައި ހުރުމަކީ ވެސް ލޯބިއިތުރުވާ ކަމެކެވެ.

4. ތިމާ އަކީ ކޮން ފެންވަރެއްގެ މީހެއްކަން އަބަދުވެސް ހަނދާންކޮށްދީފައި ބެހެއްޓުން.

ރަނގަޅު ބައިވެރިއެއް ނަމަ އަނެކާގެ ހިއްވަރަށް އެމީހާ ވާނެއެވެ. އަދި ރަނގަޅު ކަންތައްތައް ބުނެދީ އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮށްދޭނެއެވެ. ކުރާ ކޮންމެ ކަމެއް އެންމެ ރަނގަޅަށް ކުރަން ހަނދާންކޮށްދީ މަސައްކަތްކޮށްފިނަމަ ކާމިޔާބު މީހަކަށް ވާނެ ކަމުގެ ޔަގީންކަން އަބަދުވެސް ބައިވެރިޔާ އަށް ހަނދާންކޮށްދޭނެއެވެ.

comment ކޮމެންޓް