އިދިކޮޅު މެންބަރުންނާއެކު މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އިންޑިއާއަށް ވަޑައިގަންނަވަނީ

ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންޑިއަން ހައި ކޮމިޝަންގެ ދައުވަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވައިދެއްވަމުން ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ އިންޑިއާ ސަރުކާރާއި އިންޑިއަން ހައި ކޮމިޝަނުން އެގައުމަށް ކޮމިޓީގެ މެންބަރުންނަށް ރަސްމީ ދައުވަތެއް އަރުވާފައިވާ ކަމަށެވެ.

އިންޑިއާއަށް ކުރާ މި ދަތުރުގެ ހުރިހާ ހަރަދެއް ކުރައްވާނީ އިންޑިއާ ސަރުކާރުން ކަމަށާއި ދަތުރުގައި މެންބަރުންގެ އިތުރުން އިދާރީ މުވައްޒަފުން ވެސް ހިމެނޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދަތުރު ދާން ގަސްތުކުރަނީ ޑިސެންބަރު މަހު މަޖިލިސް ޗުއްޓީއަށް ދިއުމުން ކަމަށެވެ. އަދި ކޮމިޓީގެ އެހެން މެންބަރުންގެ މަޝްވަރާއާއެކުގައި ތާރީހެއް ނިންމާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މި ދަތުރުގައި އިދިކޮޅު ޕީޕީއެމްގެ މެންބަރުން ބައިވެރިވެވަޑައިގަތުމަކީ އިންޑިއާ ސަރުކާރުގެ އެދުމެެއް ކަމުގައި ޝަރީފް ވިދާޅުވިއެވެ.

"ކުރީގެ ރޫލިން ޕާޓީ އަދި މިހާރުގެ އިދިކޮޅު ޕާޓީން ވަޑައިގެންދެއްވުން އެއީ އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އެދޭކަމެއް. އެއީ ގައުމެއްގެ ހާރިޖީ ކަންތައްތައް އޮންނައިރު، އެގައުމެއްގެ މުހިންމު ސިޔާސީ ޕާޓީތަކާ ދޭތެރޭގައި އަނެއްކާ ގައުމުގެ ސަރުކާރުތަކުން އަބަދުވެސް އެއް އުސޫލުކުން ހަމައަކުން ކަންކުރުމަކީ އާންމުކޮށް ޑިޕްލޮމެޓިކް ރިލޭޝަންސް ގާއިމްކޮށްފަ ކުރިއަށް ގެންދާ ގޮތް ކަމަށްވާތީ" ޝަރީފް ވިދާޅުވިއެވެ.

ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ޕީޕީއެމްގެ މެންބަރަކަށް އިންނަވަނީ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ގައްސާން މައުމޫން އެވެ. ދެން އިންނަވަނީ ޕީއެންސީ މެންބަރެއްގެ ގޮތުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

ކޮމިޓީގެ ޖަލްސާއަށް އެވަގުތު ހާޒިރުވެ އިންނެވި، މެންބަރު ގައްސާން ވަނީ އިންޑިއާ ސަރުކާރުގެ އެދުމާމެދު، ޕާޓީގެ ޕީޖީއާއި ލީޑާޝިޕާއެކު މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް