ހިޔާ ފްލެޓް ދޫކޮށްލުމުން ހުސްވާ ފްލެޓު ދޭނީ ލިސްޓު ތަރުތީބުން

ޖުލައި 14، 2021: ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެކު ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ފްލެޓް ދޫކޮށް ވިނަރެސް އަަށް ބަދަލުވާ މީހުން ދޫކުރާ ފްލެޓް ވަކި ތަރުތީބަކުން ފްލެޓް ލިބުނު މީހުންނަށް ދޫކުރާނެކަމަށް މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ސަން"އަށް ވިދާޅުވީ ވިނަރެސް މަޝްރޫގެ ފްލެޓަށް ބަދަލުވާ ފަރާތްތަކުން ދޫކޮށްލާ ހިޔާ ފްލެޓް ، ހިޔާ ފްލެޓް ލިސްޓުގެ ތަރުތީބުން ފްލެޓް ނުލިބި ތިބި މީހުންނަށް ދޭނެކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެން އަދި ރަސްމީ އުސޫލެއް ކަނޑަނާޅަން. އެ މަސައްކަތް ކުރިއަށް ދަނީ. އެކަމު އުސޫލެއްގެ ގޮތުން އަޅުގަނޑުމެން އެ ފްލެޓް ދޭނީ އެ ކެޓަގަރީއެއްގެ ލިސްޓުގައި ހުރި ތަރުތީބުން،" އަކްރަމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ހިޔާ މަޝްރޫއިން ލިބުނު ފްލެޓް ދޫކޮށް މި ސަރުކާރުގެ ހައުސިން މަޝްރޫއު "ވިނަރެސް" އިން ފްލެޓް ބޭނުންވެގެން ގާތްގަނޑަކަށް 350 މީހުން އެދިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕެލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

މި ފްލެޓަށް ބަދަލުވާން އެދޭ ފަރާތްތަކުން އެޗްޑީސީ އިން ތައްޔާރުކުރާ އެޕްލިކޭޝަން ފޯމެއް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެ ފޯމުގައި ވިނަރެސް މަޝްރޫއަށް ބަދަލުވާން އެދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތަތައް ބަޔާންކޮށްފައި ހުންނާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެޕްލިކޭޝަން ފޯމް ހުށަހެޅުމުން ސްކްރީން ކުރެވި އޭގެން ހޮވޭ ފަރާތްތަކަށް ވިނަރެސްއަށް ބަދަލުވުމުގެ ފުރުސަތު ލިބޭނެކަަމަށެވެ.

comment ކޮމެންޓް