އާ ލިފްޓުތަކާ އެކު ހިޔާ ފުލެޓުން ބަލިމީހުން ބާލަން ފަސޭހަވާނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ އާ ލިފްޓުތަކާ އެކު ހިޔާ ފްލެޓުތަކުން ބަލި މީހުން އުފުލަން ފަސޭހަވާނެ ކަމަށް --

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕީޕީއެމްގެ ފުރަތަމަ ސަރުކާރުން ތަރަައްގީކުރި 25 ބުރީގެ ހިޔާ ފުލެޓުގައި ހަރުކުރާ އާ ލިފްޓުތަކާ އެކު އެ ތަނުން ސްޓްރެޗަރުގައި ބަލިމީހުން ބޭލޭވަރުގެ ލިފްޓު ވެސް ހަރުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު' ސިލްސިލާގައި މިއަދު ގދ.ގައްދޫ، ކައިރުގޭ، މުޙައްމަދު ލަބީބު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ ސުވާލުކޮށްފައެވެ.

"ހިޔާ ފުލެޓުތަކުގައި ބަލި މީހުން އުފުލަން [މިހާރު] އެއްވެސް ކަހަލަ އިންތިޒާމެއް ހަމަޖެހިފައެއް ނެތް،" އޭނާ ބުންޏެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ހިޔާ ފުލެޓުތައް ބިނާކުރީއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައީސް މުއިއްޒު ވިދާޅުވީ، އެ ތަނުގައި ހަރުކުރާ އާ ލިފްޓުތަކުގެ މަޝްރޫއު ނިމޭއިރު އެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، ހިޔާގައި ހަރުކުރާ ލިފްޓުތަކުގެ ތެރޭގައި ސްޓްރެޗަރުގައި މީހުން ބޭލޭނެ ލިފްޓު ވެސް ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ހަރުކުރަމުންދާ ލިފްޓުތައް ހަރުކުރާއިރު ސްޓްރެޗާ އެރުވޭ ލިފްޓު ވެސް އޭގައި ހިމެނޭނެ. އެހެންވީމާ ހިޔާ ފުލެޓުތަކުގައި ހަރުކުރެވޭ ލިފްޓުތަކުގެ މަޝްރޫއު ނިމޭއިރުގައި އިރާދަކުރެއްވިއްޔާމުން ތި ފާހަގަކުރެއްވި ކަންތަކަށް ހައްލެއް ލިބިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ހިޔާގެ ޓަވަރެއްގައި ލިފްޓަށް ކިޔޫ ހަދާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން މިދިޔަ ފެބްރުއަރީގައި ވަނީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްފައެވެ.

ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާ ގޮތަށް، 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރަން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެޗްޑީސީން އޭރު ވެސް ވަނީ އޭގެ ތެރޭގައި ސްޓްރެޗަރު އެރުވޭ ލިފްޓު ހިމެނޭކަން ހާމަކޮށްފައެވެ.

އެޗްޑީސީން މިދިޔަ މަހު 14ގައި ބުނި ގޮތުގައި އެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އަދި، މުޅި މަޝްރޫއު އަހަރެއް ތެރޭގައި ނިންމައިލެވޭނެ ކަމަށް އޭރު އެ ކުންފުނިން ބުންޏެވެ.

ހިޔާގައި އެތައް ބަޔަކު ދިރިއުޅޭއިރު ބައެއް ވަގުތުތަކުގައި ލިފްޓަށް ބޮޑު ކިއޫއެއް އޮވެއެވެ. އެ މައްސަލައަށް ހައްލެއް ހޯދައިދޭން އިތުރު ލިފްޓު ހަރުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް