ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރާތީ ކަންބޮޑުވޭ: އެމްޑީޕީ

ފެބްރުއަރީ 21، 2020: އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން، "ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގައުމުގައި ޓެރަރިޒަމްގެ ނުރައްކާ މިއަދު އެތައް ގުނައަކަށް އެބައޮތްކަމަށާއި ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރާތީ ކަންބޮޑުވާކަމަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން ބުނެފިއެވެ.

ބޮމެއް ގޮއްވާލާނެކަމަށް ބުނެ މާލޭގެ ނޫރު މިސްކިތުގެ ތަނބެއްގައި އިންޒާރެއް ލިޔެފައި އޮތް މައްސަލައަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ މިއަދު ފެންމަތިވި މި މައްސަލައިން ފާހަގަވެގެންދަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރިފައި އޮތް މިންވަރުކަމަށެވެ. އަދި އެކަމުގެ ނުރައްކާ ރައްޔިތުންނާއި ގައުމަށް ވެސް އޮތް މިންވަރުކަމަށެވެ.

"މަރުތަކާ ބެހޭ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި، ބައެއް މިސްކިތްތަކުގައި ނޫރު މިސްކިތް ހިމެނޭގޮތުން ހަރުކަށި ފިކުރުގެ ބައެއް ލީޑަރުންނާއި އެ މީހުންނާ ގުޅުން އޮންނަ ބޭރުގެ ޓެރަރިސްޓު ޖަމާއަތްތަކާ ގުޅިގެން އެ މީހުންގެ ފިކުރު ކުރިއަރުވައި، އޮޕަރޭޝަންތައް ހިންގާކަން ފާހަގަކޮށްފައިވާއިރު، ހަމަ އެ މިސްކިތުގެ މިފަދަ ޓެރަރިސްޓު އިންޒާރެއް ލިޔެފައިވުމަކީ ސަލާމަތީ ހިދުމަތްތަކުން އެއަށްފަހު ވެސް ސާވެލެންސްކޮށް އެ ކަންތައް ރަނގަޅަށް ނުބެލިވާކަމަށް ތުހުމަތުކުރުމުގެ ޖާގަ އޮތްކަމެއް ކަމުގައި ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އަދި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މޭ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގެ މައްސަލަ ނުނިމެނީސް މިފަދަ އިންޒާރެއް ދިިނުމުން އެކަމުގެ ކަންބޮޑުވުން ވެސް އެމްޑީޕީގެ އެ ބަޔާނުގައި ވަނީ ފާޅުކޮށްފައެވެ.

ހަމައެެއާއެކު މިސްކިތްތަކަކީ ހުރުމަތްތެރިވެގެންވާ ތަންތަނަށް ވާއިރު ދިވެހި ބަހުން އެފަދަ ނުރައްކާތެރި އިންޒާރެއް ދޭނީ އެފަދަ ހަމަލައެއް ދިނުމަށް ތައްޔާރުވަމުން އަންނަ ޓެރަރިސްޓުންކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ.

މީގެ އިތުރުން ޓެރަރިޒަމުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އެ ޕާޓީން ވަނީ ސަލާމަތީ ހިދުމަތްތަކަށް ގޮވާލާފައެވެ.

https://sun.mv/156743

ފުލުހުން ބުނީ ބޮމެއް ގޮއްވާލާނެކަމުގެ އިންޒާރުދީ، ލިޔުމެއް ލިޔެފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިހާރު އެ މައްސަލަ ބަލަމުން އަންނަކަމަށެވެ.

އިންޒާރުދީ ލިޔުމެއް ލިޔެފައިވަނީ ނޫރު މިސްކިތު ތަނބެއްގައެވެ. އޭގައި ވަނީ ރާއްޖޭގައި ގަދަ ވާނީ "ބަންގާޅީން" ކަމަށާއި އެމީހުން ބޭނުން ގޮތެއް ހަދާނެ ކަމަށެވެ.

ދިވެހިން ލިޔެފައިވާ މި އިންޒާރުގައި ވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލައި، "ދިވެހި ގައުމު ސުންނާފަތި" ކޮށްލާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް