ކ. އަތޮޅު އޮފީހުގެ ތިޖޫރީ ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ކ.ތުލުސްދޫ

ކ. ތުލުސްދޫގައި ހުންނަ އަތޮޅު އޮފީހުގެ ތިޖޫރީ ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުުހުން ބުނީ ކ. އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލި މައްސަލަ ރިޕޯޓު ކުރީ މިއަދު 8:15ހާ އިރު ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކ. ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ "ސަން"އަށް ވިދާޅުވީ އެ އޮފީހުން ބަޔަކު ވައްކަން ކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އޭރު ތިޖޫރީގައި 80،000 ރުފިޔާ އާއި އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ހުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން، އޮފީހުން ވައްކަން ކުރި ގޮތާ ބެހޭ ގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައި ނެތް ނަމަވެސް އޮފީސް ހުންނަ ސަރަހައްދުގައި ސީސީޓީވީ ކެމެރާތައް ހުންނަކަން އަސްލަމް ފާހަގަ ކުރެއްވިއެވެ. އަދި ފުލުހުންގެ ފޮރެންސިކް ޓީމަކުން ތުލުސްދާއަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން އަދި ހާމަ ނުކުރެއެވެ.

comment ކޮމެންޓް