މަހަކަށް ފަހު ހިމަންދޫ އާއްމު ހާލަތަށް

ހިމަންދޫ -- ފޮޓޯ: އެމްޓީސީސީ

ކޮވިޑް-19 ގެ ސަބަބުން އއ. ހިމަންދޫގައި އިއުލާނު ކޮށްފައިވާ މޮނިޓްރިންގެ ހާލަތު އުވާލައިފިއެވެ.

އޯގަސްޓް ތިންވަނަ ދުވަހު ހިމަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ ޑައިރެކްޓް ކޮންޓެކްޓެއްގެ ހަތަރު ސާމްޕަލެއް ޕޮޒިޓިވް ވެގެންނެވެ.

ހިމަންދޫގެ މޮނިޓަރިން ހާލަތު އުވާލީ، ރެންޑަމް ސާމްޕަލްއިން އެއްވެސް މީހަކު ޕޮޒިޓިވް ނުވާތާ ހަ ދުވަސް ވުމުން ކަމަށް އެރަށު ކައުންސިލްގެ ރައީސް ހުޝާމް އިސްލާއީލް "ސަން" އަށް ވިދާޅުވިއެވެ.

"އެޗްޕީއޭއިން އަންގާފަވާ އުސޫލާ އެއްގޮތަށް ރެންޑަމް ސާމްޕަލް ނަގަންޖެހޭ ޕަސެންޓޭޖަށް ރެންޑަމް ސާމްޕަލް ނަގާ، އަދި ހުރިހާ ރެންޑަމް ސާމްޕަލް ތަކުގެ ނަތީޖާ ނެގެޓިވް ވުމުން މޮނިޓަރިން އުވާލީ،" ހުޝާމް ވިދާޅުވިއެވެ.

މިވަގުތު ހިމަންދޫގައި 11 އެކްޓިވް ކޭސް ހުރި އިރު، އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި، މިހާރު ގިނަ މީހުންގެ ކަރަންޓީން މުއްދަތު ނިމެން ކައިރިވެފައި ވާނެ ކަމަށް ހުޝާމް ވިދާޅުވިއެވެ.

ހިމަންދޫގައި ފަތުރުވެރި ކަމުގެ ދާއިރާގައި އުޅޭ މީހުންގެ 100 ޕަސެންޓް ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

އަދި 65 އަހަރުން މަތީގެ 98 ޕަސެންޓް މީހުން ވެކްސިން ޖަހާފައި ވާއިރު، ބޮޑެތި މީހުންގެ 89 ޕަސެންޓް ވެކްސިން ފުރިހަމަ ކޮށްފިއެވެ.

ހިމަންދޫގައި ސްކޫލް ކުދިންގެ ވެކްސިން ވެސް ޖަހަން ފަށާފައި ވާއިރު، މިހާރު ކުދިން ތިބީ ފުރަތަމަ ޑޯޒް ޖަހައި، ދެވަނަ ޑޯޒް ޖެހުމަށް ހަމަކުރަން ޖެހޭ މުއްދަތުގެ ތެރޭގައި ކަމަށް ހުޝާމް ވިދާޅުވިއެވެ.

ދެ ފަހަރަކަށް ހިމަންދޫ މޮނިޓަރިންގް އަށް ލާފައި ވާއިރު، އެރަށަށް ނިސްބަތްވާ އުމުރުން 75 އަހަރުގެ އަންހެން ކޮވިޑްގައި މަރުވެފައި ވެއެވެ.

comment ކޮމެންޓް