350 މިލިއަން ރުފިޔާއަށް 5 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި

ފަސް ރަށެއްގެ ޢުމްރާނީ ތަރައްގީއާއި ގުޅުންހުރި މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އެމްޓީސީސީ

ފަސް ރަށެއްގެ ޢުމްރާނީ ތަރައްގީއާއި ގުޅުންހުރި 350.44 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ޙުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ.

އެމްޓީސީސީއާއި ހަވާލުކުރި ފަސް މަޝްރޫޢަކީ އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ހއ. އުލިގަމު ބަނދަރު ބޮޑުކޮށް ގޮނޑުދޮށް ހިމާޔަތްކުރުމާއި، ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި ހެދުމުގެ މަޝްރޫޢުގެ އިތުރުން ހއ. ދިއްދޫ ބިން ހިއްކުމާއި، ހއ. ތުރާކުނު ބިން ހިއްކުމުގެ މަޝްރޫޢެވެ.

މި މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ އަގުތައް:

  1. އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުން - 24.54 މިލިއަން ރުފިޔާ
  2. ހއ. އުލިގަމު ބަނދަރު ބޮޑުކޮށް ގޮނޑުދޮށް ހިމާޔަތްކުރުން - 73.88 މިލިއަން ރުފިޔާ
  3. ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި ހެދުން - 16.91 މިލިއަން ރުފިޔާ
  4. ހއ. ދިއްދޫ ބިން ހިއްކުން - 83.07 މިލިއަން ރުފިޔާ
  5. ހއ. ތުރާކުނު ބިން ހިއްކުން - 152.04 މިލިއަން ރުފިޔާ

ކެޕްޝަން..

އެމްޓީސީސީއާއި ޙަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން އއ. ހިމަންދޫ ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ހިމަންދޫ ގޮނޑޮދޮށް ގިރަމުންދާ ސަރަޙައްދުތަކުގައި 235 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 20 މީޓަރުގެ ޖިއޯބޭގް ގްރޮއިންނާއެކު 110 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި 60 މީޓަރުގެ ބޮޑުހިލަ ގްރޮއިންއާއެކު 180 މީޓަރުގެ ބޮޑުހިލަ ވައި ގްރޮއިން ޤާއިމުކުރުންވެސް ހިމެނެއެވެ. މިއީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ހއ. އުލިގަމު ބަނދަރު ބޮޑުކޮށް ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 10،400 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 46،181 ކިއުބިކް މީޓަރުގެ އައު ބަނދަރު ފުންކޮށް، 21،708 ކިއުބިކް މީޓަރުގެ ބަނދަރަށް ވަންނަ ނެރު ފުންކުރުން ހިމެނެއެވެ. ބަނދަރާއި އިންވެގެން 1900 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. އަދި ސޭންޑްފިލް ބްރޭކްވޯޓަރ ޖެހުމާއި، އެތެރެ ރިވެޓްމަންޓް އަދި ބޭރު ރިވެޓްމަންޓް ޖެހުމުގެ އިތުރުން ބަނދަރުގައި ކުރަންހުރި އިތުރު މަސައްކަތްތައް ހިމެނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި ހެދުމުގެ މަޝްރޫޢުގެ ދަށުން 16،632 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 57،750 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 36 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން، 20 މީޓަރުގެ ގްރޮއިން ޖަހާ، 309 މީޓަރުގެ ޖިއޯ ބޭގް ޖެހުންވެސް ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 300 ދުވަހުން ނިންމާގޮތަށެވެ.

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެރަށުން ޖުމްލަ 26 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކުރީ 360 ދުވަހުން ނިންމާގޮތަށެވެ.

ހއ. ތުރާކުނު ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެރަށުން 8.16 ހެކްޓަރު ބިން ހިއްކާނެއެވެ. އަދި ހިއްކި ސަރަޙައްދު ޚިމާޔަތްކުރުމުގެ ގޮތުން 1،215 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ 630 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.

comment ކޮމެންޓް