ކުޑަކުޑަ ހިމަންދޫން ފަލަސްތީނަށް އެހީވާން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ

ހިމަންދޫ ސްޓެލްކޯ އިސްނަގައިގެން ފަލަސްތީނަށް އެހީވުމަށް ބޭއްވި ހަރަކާތަކުން ދެލައްކައަށް ވުރެ ގިނަ ރުފިޔާ

އާބާދީގައި 742 މީހުން ދިރިއުޅޭ އއ. ހިމަންދޫ ރައްޔިތުން ގުޅިގެން ފަލަސްތީނަށް އެހީވާން ހިންގި ހަރަކާތަކުން 230،000 ރުފިޔާ އެއްކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި ހަރަކާތާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން ހިމަންދޫ ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރު އަލީ ނަސީރު ވިދާޅުވީ، މި ހަރަކާތަކީ ހިމެންދޫ ސްޓެލްކޯއިން އިސްނަގައިގެން އެ ރަށުގެ ޖަމިއްޔާތަކައި އިދަރާތަކާ ގުޅިގެން ބޭއްވި ހަރަކާތެއް ކަމަށެވެ.

އެގޮތުން މި ހަރަކާތަށް އެއް ހަފުތާ ކުރިން ތައްޔާރުވި ކަމަށާއި މި ހަރަކާތުގައި އެކި ބާވަތްތަކުގެ ފުޑް ސްޓޯލްތަކާއި ކުޅިވަރިތައް ކުރިއަށް ގެންދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

"ފަސް ރުފިޔާއަށް ޓިކެޓެއް ވިއްކައިގެން މި ތަނަށް ވަދެވޭނީ. ދެން ރަށުގެ ރައްޔިތުން ހަވީރު ސައި ބޮއެ ރޭގަނޑު ކެއީ ވެސް ހަމަ ސްޓޯލްތަކުން ގަނެގެން. އެ ތަނުގައި ހުރިހާ މުއައްސަސާތަކުން ހަތަރު ވަރަކަށް ކުޅިވަރު އިންތިޒާމް ކުރި" އޭނާ ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ، މި ހަރަކާތަށް ތައްޔާރު ވުމަށް އެއް ހަފުތާ ކުރިން ރަށުގެ މީހުން ފީނަން ގޮސް ގިނަ އަދަދެއްގެ ބޯވައާއި އިހި ފަދަ އެއްޗިސް ނެގި ކަމަށެވެ. އަދި، މި ހަރަކާތުގެ ތެރެއިން މި ތަކެތި ވަގުތުން ފިހެގެން ވިއްކި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޓީޝާޓް ނީލަން ކިޔުމާއި ސްޓެލްކޯ މުވައްޒަފުންގެ ފަރާތުން ސައިކަލު ދޮވެދީގެން ވެސް ވަނީ މި ހަރަކާތަށް ފައިސާ ހޯދާފައެވެ. ސްޓެލްކޯ މުވައްޒަފުންގެ ފަރާތުން ވަނީ 47 ސައިކަލު ދޮވެދީފައެވެ. ހިމެންދޫގެ ހެޔޮއެދޭ އާއިލާއަކުން ވަނީ މި ހަރަކާތަށް 15،000 ރުފިޔާ ހަދިޔާ ކޮށްފައެވެ.

އޭނާ ވިދާޅުވީ، މި ހަރަކާތަށް ވަރަށް ބޮޑު އެއްބާރުލުމެއް މުޅި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ކަމަށެވެ. އެގޮތުން ހަވީރު ހަތަރަކުން ހަޔަކާ ހަމައަށް 500 ޓިކެޓު ވިކުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރޭގަނޑު އަށަކުން 11އާ ހަމައަށް 400 ޓިކެޓު ވިކުނުކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުގަ އޮންނާނެ 'ކަނބަލުން' ކިޔާ ޖަމިއްޔާއެއް. އެ ޖަމިއްޔާއިން ހަމަ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުން. ދެން ހަމަ ރަށުގެ ހުރިހާ ރައްޔިތުން ވެސް ވަރަށް އެހީތެރިވި،" އޭނާ ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ، މިއީ އެ ރަށުގައި މިހާތަނަށް ރައްޔިތުން ގުޅިގެން ބޭއްވި އެންމެ ބޮޑު ހަރަކާތް ކަމަށެވެ. އަދި މި ހަރަކާތުން ލިބުނު ފައިދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އަށް މިހާރު ވަނީ ފޮނުވާފައެވެ.

މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާއަށް ފަހު، އިސްރާއީލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، ބޮޑު ގަތުލުއާންމެއް ފައްޓައިފައެވެ.

އެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 8,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދީންނެވެ.

comment ކޮމެންޓް