ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ރ. ފައިނުގައި ލައިބްރަރީއެއް ގާއިމްކޮށްފިއެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔައީ ފައިނުގެ ފޭސް ޖަމިއްޔާ އިން އިސްނަގައިގެން ނެވެ.
ލައިބްރަރީ ގާއިމު ކޮށްފައި ވަނީ އެރަށުގެ ކޮމިއުނިޓީ ސެންޓަރު ހުންނަ އިމާރާތުގައެވެ. އަދި މިހާރު އެ ލައިބްރަރީ އާންމުންނަށް ބޭނުންކުރުމަށް ވަނީ ހުޅުވާލާފައެވެ.
ތަފާތު ފޮތްތައް ހިމަނައި، ފޮތް ކިޔޭނެ އިންތިޒާމު ހަމަޖެހިފައިވާ މި ޕްރޮޖެކްޓް ގެ އަމާޒަކީ ރަށުގެ ޒުވާނުން ފޮތް ކިއުމަށް ޝައުގުވެރިކަން އިތުރު ކުރުމާއި އިލްމީ މުޖުތަމައުއެއް ބިނާކުރުމެވެ.
މި ޕްރޮޖެކްޓްގެ ދަށުން ކޮމިއުނިޓީ ސެންޓަރ ކުރިމަތީގައި އޮތް ހުސް ބިމުގައި ފޮތްކިޔަން ތިބެވޭނެހެން ބެޗް ބަހައްޓައި ފޮތް ހަރުގަނޑު ވަނީ ބެހެއްޓިފައެވެ.
އަދި ރަށުގެ އަތިރިމަތީގައި މީހުން އެއްވެ އެޅޭ ތިން ސަރަހައްދެއްގައި މޮބައިލް ފޮތް ހަރުތަކެއް ބެހެއްޓި ގިނަ ރައްޔިތުންނަށް ފޮތް ކިޔޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ލައިބްރަރީގައި ކޮމްޕިއުޓަރ ލެބެއްވެސް ގާއިމު ކޮށްފައިވެއެވެ.
އެ ލެބްގައި ދަރިވަރުން ސްކޫލުގެ އެކިއެކި މަސައްކަތްތައް ކުރުމާއި، ރިސާރޗް މަސައްކަތް ކުރުމަށް ތިން ކޮމްޕިއުޓަރ ސިސްޓަމް ބަހައްޓާފައިވެއެވެ.
ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވާސް (ފޭސް) ޖަމިއްޔާގެ ރައީސް ހުސައިން ވަހީދު ވިދާޅުވީ، ޕަބްލިކް ލައިބްރަރީ އަދި ކޮމްޕިއުޓަރ ލެބްގެ ސަބަބުން ސްކޫލް ދަރިވަރުންނާއި، އެކި ކޯސްތަކުގައި ކިޔަވަމުންދާ ފަރާތްތަކާ އަދި މިޖަމިއްޔާއިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކުދި ކޯސްތަކުގެ ބައިވެރިންނަށް އިލްމީ ދިރާސާ، އެސައިންމެންޓް އަދި ރިފަރެންސް މެޓީރިއަލް ހޯދުމަށް ވަރަށްބޮޑު އެހީއަކަށްވެގެންދާނެ ކަމަށެވެ.
"މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ އެކި ފަންތީގެ މީހުން ފޮތްކިޔުމަށް އަހުލުވެރިވެ އިލްމީ މުޖުތަމައުއެއް ބިނާ ކުރުމަށް މިޖަމިއްޔާއިން ކުރަމުންދާ މަސައްކަތަށް އިތުރު އެހީއަކަށްވެގެންދާނެ،" ހުސައިން ވަހީދު ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.