ދުންފަތާ ދެކޮޅަށް މި ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައިވާއިރު، އެ ކަމަށް ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކުން އަމާޒުކުރަމުން އަންނަ ފާޑުކިޔުންތަކާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ރައްދު ދެއްވައިފިއެވެ.
ގދ. ވާދުއަށް ވަޑައިގެން އެ ރަށުގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މުޖުތަމައުގައި، ލޯ ކުރިމަތީ ގޯސްކަމެއް ހިނގާނަމަ އެ ކަމަކަށް ނޫނެކޭ ބުނަން ކޮންމެ ފަރުދަކަށް ވެސް ކެރެން ވާނެ ކަމަށެވެ.
އަދި ޒަމާންތަކެއް ވަންދެން ވަކި ކަމެއް ގޯސްކޮށް ހިނގުމަކީ ވެސް އެ ކަމެއް ދޫކޮށްލައިގެން ތިބެންވީ ސަބަބެއް ނޫންކަން ގަބޫލުކޮށް، އަމަލުން އެ ކަން ދައްކަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުނދަގޫ ނިންމެވުންތަކެއް ނިންމެވީ އެހެންވެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ސަރުކާރު މިއޮތީ އެ ގޮތުގައި ކުރިއަށްދާން. އެހެންވީމާ ވަރަށް އުނދަގޫ ބައެއް ނިންމުންތައް ހަމަ މި ވިސްނުމުގައި ކުރިއަށް މުސްތަގްބަލަށް ޓަކައި އަޅުގަނޑުމެންގެ ޖީލުތައް ސަލާމަތްކޮށްދީ، ވަށައިޖެހޭ ތަރައްގީއަކުން ތަރައްގީ ހާސިލްކޮށްދީފައި އޮތް ހަގީގީ މާނައިގައި ތަރައްގީވެފައި އޮތް ދިވެހިރާއްޖެއަކަށް ހަދައިދިނުމަށް ޓަކައި ނިންމުންތަކެއް ނިންމަމުން މިދަނީ،" ރައީސް ވިދާޅުވިއެވެ.
ވޭޕު މަނާކުރަން ނިންމެވުމާއި، ސިނގިރޭޓުގެ އަގު ބޮޑުކުރަން ނިންމިވެވި ނިންމެވުމަށް ނުސީދާ މޭރުމަކުން އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެއީ "އަޝަގަނެ، މޫލައި، ދެވި ހިފައިފައި ހުރި ބައެއް އާދަތަކުން ވެސް" ސަލާމަތްކޮށްދިނުމަށް މަސައްކަތްކުރުމުގެ ނިޔަތުގައި ނިންމެވި ކަމެއް ކަމަށެވެ.
"އެއްގޮތަކަށް ވެސް އެއީކީއެއް، ރައްޔިތުންނަށް ދަތިކުރުމަށް އުނދަގޫކުރުމަށް ކުރާ ކަންކަމެއް ނޫން. އަޅުގަނޑުގެ ނިޔަތް ވަރަށް ސާފު މިކަމުގައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްގީއަކީ ހަމައެކަނި ލޮލަށް ފެންނަ، އަތުން ހިފޭ ތަކެތި ނޫން ކަމަށެވެ. ތަރައްގީއަކީ އެ ކުރިއެރުމާއެކުގައި، ސިކުނޑިތައް ތަރައްގީކޮށް، އަޚްލާގު ރަނގަޅުކޮށް، ދަރިން ރަނގަޅަށް ތަރުބިއްޔަތުކޮށް، މުޖުތަމައުގައި ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަމުން ރައްކާތެރި ކުރުން ކަމަށެވެ.
ދުންފަތާ ދެކޮޅު ސިޔާސަތުތަކެއް މި ސަރުކާރުން ތަންފީޒުކުރަން ފެށިއިރު ގިނަ ބަޔަކު އަންނަނީ އެ ކަމަށް ތާއީދު ވެސް ކުރަމުންނެވެ. ނަމަވެސް މި ކަަން ތަންފީޒުކުރާމެދު ހިތްހަމަނުުޖެހިގެން ބައެއް އާންމުން ނުރުހުންގެ ވެސް އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.